ގޭގެތެރޭގައި ހުންނަ ވިހަތައް ބޭރުކޮށްލަން ބޭނުން ހެއްޔެވެ؟ ހަމަ ލޮލަށް ނުފެންނަ ޖަރާސީމާއި ވިހައަކީ އެންމެ ގެއްލުންދޭ ތަކެއްޗެކެވެ. ނަމަވެސް ވަރަށް ފަސޭހައިން މިތަކެތި ނައްތާލާ ގޭތެރޭގެ ވައިސާފު ކޮށްލުމާއި އެކު ގޭތެރެ ޒީނަތްތެރި ކުރެވޭނެގޮތް އެބައޮތެވެ. އެއީ ގޭތެރޭގައި ހައްދާ ބައެއް ގަސްގަހުގެ ޒަރީއާއިންނެވެ. ތިރީގައި މިބަޔާންކޮށްލަނީ އޭގެ ބައެއް ގަސްގަހެވެ. މިއީ ނާސާގެ ދިރާސާއިން ވައިސާފު ކުރުމަން އެހީތެރިވާކަން ސާބިތުވެފައިވާ ގަސްގަހެވެ.
-
ޑެވިލްސް އައިވީ (މަނީ ޕްލާންޓް)

މިއީ ފަސޭހައިން ފެނުގައި ނުވަތަ ވެލީގައިވެސް ހައްދާލެވޭ އަދި ގޭތެރޭގައި ހުންނަ ވިހަ ނައްތާލާ ގޭތެރެއަށް ފެހިކުލަ ގެނެސްދޭން ވެސް ވަރަށް ރަގަޅު އެއްޗެކެވެ. ބުނެވޭ ގޮތުގައި މިގަސް ހެއްދުމަށްވުރެ މަރާލަން އުނދަގުލެވެ. މާނައަކީ މިއީ މާ ބޮޑަށް އަޅާލުން ބޭނުންވާ ގަހެއް ނޫނެވެ.
-
ޑްވާރފް ޑޭޓް ޕާމް

މިއީ ރުއް އާއިލާއަށް ނިސްބަތްވާ އެންމެ ކުދި ވައްތަރެވެ. މިއީ ހިޔަލުގައި ހައްދާލަން ފަސޭހަ ރުކެކެވެ. 6 ފޫޓާއި 10 ފޫޓާއި ދެމެދުގެ ދިގު މިނަކަށް ހެދޭ މި ރުކަކީ ގޭގެ ވަށައިގެން ފެންޑާއެއް އޮންނަ ނަމަ ނުވަތަ ބެލްކަނީގައި ހައްދާލަން ވަރަށް ރަގަޅު ގަހެކެވެ.
-
ޕީސް ލިލީ

މިއީވެސް ހައްދާ ބަލަހައްޓަން ފަސޭހަ ގަހެކެވެ. ވިދުން ގަދަ ފެހި ފަތްތަކުން ގޭތެރެ ނަލަކޮށްލާ މިގަހަކީ އެންމެ ކުޑަކޮށް އަލި ލިބޭ ހިސާބުގައިވެސް ހައްދާލެވޭ ގަހެކެވެ. ހަފްތާއަކު އެއްފަހަރު ފެން ދީގެން ލަހުން ފެނަށް ވިރޭ ކަހަލަ ގަސްކާނާއެއް އެޅުމުން ވަރަށް ރީތި ހުދުކުލައިގެ މަލެއްވެސް އަޅާނެއެވެ.
-
ކްރިސަންތަމަމްސް

މިއީ ވަރަށް ރީތި އަދި ވަރަށް ގިނަ ކުލައިގެ މާ އަޅާގަހެކެވެ. ނަމަވެސް މިއީ ހަމައެކަނީ ބަގީޗާ ގަހެއް ނޫނެވެ. ގޭތެރޭގައި ހައްދާލުމުން ގޭތެރޭގެ ވައި ސާފުކޮށް ވަރަށް މީރުވަހެއް ގޭތެރެއަށް ފަތުރާލާނެއެވެ. މިއީ ހައްދަން އެހާ ފަސޭހާ ގަހެއް ނޫނެވެ. ނަމަވެސް ހެދިއްޖެ ނަމަ ގިނަ ފައިދާ ތަކެއް ލިބޭނެއެވެ. ސީދާ އަވީގެ ބަދަލުގައި ގަދައަށް އިރުގެ އަލި ލިބޭ ތަންތަނުގައި ހެދޭ މިގަހަށް ދޭންވާނީ ތާފަނާ ފެނެވެ. އަދި އެއްފަހަރު އަޅާފެން ހިކުމުން ނޫނީ ދެވަނަ ފަހަރު ފެން އެޅުން ރަގަޅެއް ނޫނެވެ.
-
ރަބަރ ޕްލާންޓް

ގަދަ ފެހިކުލައިގެ ވަރަށް ވަރުގަދަ ފަތްތަކެއް ލާފައިވާ މި ގަހަކީ އިންޑިޔާއަށް ނިސްބަތްވާ ގަހެކެވެ. ހިޔާ ހޫނުގައި ހެދޭ މިގަހަށް ހަފްތާއަކު އެއްފަހަރު ފެން އެޅުމުންވެސް ވަރަށް ރީތިކޮށް ހެދި ވައިސާފު ކުރުމުގެ ވަޒީފާ ވަރަށް ރަގަޅަށް އަދާ ކުރާނެއެވެ. މިއީ ބިޔަކޮށް ހެދޭ ގަހެއްކަމުން ފުރަތަމަ ވެސް އިންދުން ބުއްދިވެރީ ބޮޑު ޕޮޓެއްގައި ނުވަތަ އަވަހަށް ނަގަން ނުޖެހޭ ހިސާބެއްގައި ބިމުގައެވެ.
-
ފެންފޯއް ރުއް

ވައި ސާފު ކުރުމުގައި "އިންޖީނުގޭގެ" ލަގަބު ލިބިފައިވާ ފެންފޯއް ރުކަރީ ބޮޑު ހުސް ސަރަހައްދެއް އޮތްނަމަ ހައްދާލަން ވަރަށް ރަގަޅު ރުކެކެވެ. ގިނައިން ފެންދޭން ޖެހޭ މި ރުއް މިއީ އާންމުކޮށް އެހެން ގަސްތަކުން ނައްތާނުލާ ބައެއް ވިހަ ނައްތާލުމަށް އެހީތެރިވެދޭ ރުކެކެވެ.
-
އަލަނާސި ގަސް

ރޭގަނޑުގެ ވަގުތުގައި ވައި ސާފުކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެއް ގަހަކީ އަލަނާސި ގަހެވެ. ކަށި ހުރުމުގެ ސަބަބުން ގެންގުޅެން އުނދަގޫ ނަމަވެސް މިއީ ކޮޓަރީގައި ހެއްދުމުން އަރާމުގައި ނިދުމަށް އެހީތެރިވުމުގެ އިތުރުން ގުގުރި ދަމާމީހުނަށް އެކަމުން ލުއި ލިބިދޭނެ ގަހެކެވެ. ވަރަށް މަދުން ފެން ބޭނުންވާ މި ގަހަކީ ހައްދަން ވަރަށް ފަސޭހަ ގަހެކެވެ.
-
ކުދި ނިކަ

ސައުތު އީސްޓް އޭޝިޔާއަށް ނިސްބަތްވާ މި ގަސް އާންމުކޮށް ގޭތެރޭގައި ހެއްދި ނަމަވެސް ނުކޮށާ ހައްދާނަމަ 10 ފޫޓަށް ވެސް މިގަސް ބޮޑުވާނެއެވެ. މިގަސް ސީދާ އަވީގައިވެސް ހެއްދިދާނެއެވެ. ފެން ދޭނީ ހަފްތާއަކު އެއް ފަހަރު އެވެ. ކޮންމެ ފަހަރަކުވެސް ފެންދޭންވާނީ ރީތިކޮށް ފަސްގަނޑު ހިކުނީމައެވެ.
-
ސްނޭކް ޕްލާންޓް

2 މީޓަރަށް ހެދޭ މި ގަހަކީވެސް ހައްދާ ގެންގުޅެން ވަރަށް ފަސޭހަ ގަހެކެވެ. މިއީ އަވީގައި އަދި ހިޔަލުގައިވެސް ވަރަށް ފަސޭހައިން ހައްދާލެވޭނެ ގަހެކެވެ. މިގަހަށް ވެސް މާގިނައިން ފެން ނުދިނުމަށް ސަމާލުކަން ދޭންވާނެއެވެ.
-
އެލޯވެރާ

އެލޯވެރާއަކީ ހަމަ އެކަނި ދުޅަތިރިކޮށް ކަނޑައިގެންދާ ތަންތަނުގައި އާއި އަވިން ހަންގަނޑު ފިހުމުން އުނގުޅުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. މިއީ ވައިސާފު ކުރުމަށްވެސް ނުހަނު ބޭނުންތެރި ގަހެކެވެ. ކުޑަކޮށް ހޫނުކޮށް ހުރިނަމަވެސް އަލިގަދަ ތަންތަނުގައި ހައްދާލެވޭ މިގަސް ފުރަތަމަ ގެނެސް ބަހައްޓާތަނުގެ ވައިގައި ވިހަ އެކުލެވޭ މިންވަރު ގިނަ ނަމަ ގަހުގެ ފަތުގައި މުށިކުލައި ތިކިތަކެއް ޖަހާނެއެވެ.
