ފުލުހުންގެ ވަޒީފާ މެދުވެރިގެން ފްލެޓާއި އެޕާޓްމެންޓް ލިބިފައިވާ ފުލުހުންނަށް ލިވިންގ އެލަވަންސް ދިނުން ހުއްޓާލަން ނިންމައިފިއެވެ.

އެކަން ހާމަކުރީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ސޮއި ކުރައްވާ ނެރެފައިވާ ދެންނެވުމެއްގައެވެ.

އެ ދެންނެވުމުގައި ވަނީ އަގު ދައްކައި މިލްކުވާ ގޮތަށް ފްލެޓާއި އެޕާޓްމެންޓް ހަމަޖައްސައިދީފައިވާ ފުލުހުންނަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލިވިންގ އެލަވަންސް ދިނުން ހުއްޓާލާނެ ކަމަށެވެ.

އެ ދެންނެވުމުގައި ވަނީ އެގޮތަށް ނިންމީ، އެގޮތަށް ލިބިފައި ހުންނަ ތަންތަނުގެ އަގު ހަމަ ކުރުމަށްޓަކައި މަހުން މަހަށް ދައްކާ ފައިސާއަކީ ކުލީގެ ފައިސާ ކަމަށް ބަލައި، އެ ފަރާތްތަކަށް ލިވިންގ އެލަވަންސް ދިނުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ފުލުހުންގެ އެގްޒެކެޓިވް ބޯޑުން ދީފައިވާތީ ކަމަށެވެ.

މީގެ އިތުރުން އިންޓެލިޖެންސް ޑައިރެކްޓްރޭޓްގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ޑެސްކް ވަޒީފާތައް އަދާކުރާ މީހުންނާއި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގައި މަސައްކަތްކުރާ ފުލުހުންނަށްވެސް އަންނަ އަހަރުން ފެށިގެން ކޮއްތު އެލަވަންސް ނުދޭނެ ކަމަށްވެސް އެ ދެންނެވުމުގައި ބުންޏެވެ.

އެ ފަރާތްތަކަށް ކެއުމުގެ ކަންކަން ފުލުހުންގެ އިދާރާގެ މެސް ރޫމްތަކުން ހަމަޖައްސާނެ ކަމަށްވެސް އެ ދެންނެވުމުގައި ބުނެފައިވެއެވެ.