އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ބަހްރައިޗް ޑިސްޓްރިކްޓްގައި، ކުއްޖާގެ ބޮޑުބޭބެ ބަލަން ހުއްޓައި ކިނބުލެއް ހަމަލާދީ އުމުރުން އެންމެ 12 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ، އެމީހުންގެ ދަނޑުބިމާ ކައިރީގައި އޮންނަ ޣާގްރާ ކޯރުގެ އައްސޭރިފަށަށް އެ ކުއްޖާ ދިޔަ ވަގުތުގައެވެ.

ކުއްޖާއަށް ކިނބޫ ހަމަލާދިން ވަގުތު އެތާނގައި ހުރި ކުއްޖާގެ ބޮޑުބޭބެ ވަނީ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ބޮޑުބޭބެއަށް އެއްވެސް ކަމެއް ނުކުރެވި، ކިނބުލުގެ ގަދަފަދަ ބާރުގެ ދަށުވެ، ކުއްޖާ ގޮވައިގެން ކިނބޫ ކޯރުގެ އަޑިއަށް ގޮސް ގެއްލުނީ ކަމަށް މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ކުއްޖާ ހޯދުމަށް ފުލުހުންނާއި، ޖަންގަލިތަކާ ބެހޭ އިދާރާގެ އޮފިޝަލުންނާއި އަދި އެ ސަރަހައްދުގެ އާންމުން ގުޅިގެން އެތައް ގަޑިއިރެއް ވަންދެން ކުރި ބުރަ މަސައްކަތުން، ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާއާ ގުޅިގެން، ޣާގްރާ ކޯރު ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކިނބުލުގެ ހަމަލާތަކުގެ ބިރުވެރިކަން އަނެއްކާވެސް ބޮޑުވެ، އާންމުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.