ނޯތު ހާބަރުގެ ކިއު މެނޭޖްކުރުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި މި ބަދަލުތަކަކީ އުޅަނދުފަހަރުތަކަށް ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެކެވެ.
މިގޮތުން ގެނެވުނު އެންމެ މުހިންމު އެއް އިސްލާހަކީ، ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުފަހަރު ފަސް ދުވަހުގެ މުއްދަތަށް ކިއު އިން ކެންސަލް ނުވާގޮތަށް "ހޯލްޑް" ކުރުމަށް އޮތް ފުރުސަތު މުޅިން އުވާލުމެވެ. ނަމަވެސް، "ޕޯސްޓްޕޯން" ކުރުމުގެ ފުރުސަތު ކުރިންވެސް އޮތް އުސޫލާ އެއްގޮތަށް ކުރިއަށްދާނެއެވެ. މީގެ އިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި (އޭ ޒޯން، އެކްސްޕްރެސް ޒޯން ނުވަތަ ސީ ޒޯން) ނޯޓުކުރުމަށް އޮންނަ ފުރުސަތު ވެސް ވަނީ އުވާލާފައެވެ. އެހެންކަމުން މީގެ ފަހުން އެއް ދަތުރެއްގެ ތެރޭގައި ނޯޓުކުރެވޭނީ އިޚްތިޔާރުކުރާ ކޮންމޭސް އެއް ކިއުއެއްގައެވެ.
އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭ 23:59 އިން ފެށިގެންނެވެ. މި ބަދަލުތަކަކީ ނޯތު ހާބަރުގެ ޚިދުމަތް ހޯދާ އޮޑިވެރިންގެ ޚިޔާލާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ގެނައި ބަދަލުތަކެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އޮޑިވެރިންގެ ޚިޔާލާއެކު ޚިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
