ރާއްޖޭގެ ރަށްރަށުގައި ސިއްހީ ޚިދުމަތް ފުޅާކޮށް، އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގެނައި އެމްބިއުލާންސްތައް 17 ރަށަކާ ހަވާލުކޮށްފިއެވެ.
މިއީ އަތޮޅުތެރޭގެ ރަށްރަށުގައި ބަލިމީހުންނަށް އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި އެމްބިއުލާންސްތައް ރަށްރަށާ ރަސްމީކޮށް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ އަލީއެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ލަމްޢާންއެވެ. މީގެ އިތުރުން ވެސް ސިއްހީ ދާއިރާގެ ބައެއް އިސް ބޭފުޅުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
އެމްޕީއެލް ފަދަ ކުންފުނިތަކުގެ އެހީތެރިކަމާއެކު ރަށްރަށަށް މި ގެނެވުނު އާ އެމްބިއުލާންސްތަކުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށާއި ސިއްހީ މަރުކަޒުތަކުން ދޭ ޚިދުމަތްތައް ފުޅާކުރުމަށް މިހާރު ދިމާވަމުންދާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މެދުކެނޑުމެއްނެތި މި ޚިދުމަތް ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
