ބަރަހަނާ ފޮޓޯތަކެއް ހުރިކަމަށް ބުނެ ބިރުދައްކައިގެން، ދިވެހި ފިރިހެނެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ބްލެކްމެއިލް ކުރުމުގެ ދައުވާ އުފުލާފައިވާ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީގެ މައްޗަށް ތުހުމަތުކުރެވެނީ، އޮރިޔާންކާޑު ހުރިކަމަށް ބުނެ ބިރުދައްކައިގެން އެކި ދުވަސްމަތިން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާ ކަމަށެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ 19 ޑިސެމްބަރު 2024 ގައެވެ.

މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުނު ކްރިމިނަލް ކޯޓުން މިދިޔަ އޭޕްރީލް މަހު ނިންމީ، މަދަނީ މިންގަނޑުން ބަލާއިރު މި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ މެޖޯރިޓީ ފަނޑިޔާރުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކުރައްވާފައެވެ. މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އިސްފަނޑިޔާރު އަބްދުﷲ ޖަމީލް އާއި ފަނޑިޔާރު އިސްމާއީލް ޝަފީއު ނިންމެވިއިރު، ރައުޔު ތަފާތުވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވެފައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކުރަން ޖެހޭ ކަމަށެވެ.

ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ނިންމުމާއެކު މުހައްމަދު ފަވާޒް ލުތުފީ މި މައްސަލައިން ސަލާމަތްވުމާ ގުޅިގެން، ދައުލަތުން މިހާރު ވަނީ މި މައްސަލަ ރާއްޖޭގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ދައުލަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ދައުލަތުން މަސައްކަތްކުރަމުން ދަނީ ދަށު ކޯޓުތަކުގެ ނިންމުންތައް ބާތިލުކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.