ކަނޑުމަގުން ތަފާތު ދިގު ދަތުރެއް ކުރުމަށް ފްލޮރިޑާގެ މީހަކު ތައްޔާރުވާން ފަށައިފިއެވެ. އޭނާ އެދަތުރު ކުރަން ނިންމާފައިވަނީ ކަނޑުގައި ދުވެފައެވެ.
އުމުރުން 49 އަހަރުގެ ރޭޒާ ބަލުޗީ ނަމަކަށް ކިޔާ އެ މީހާ ކަނޑުމަގުން ދުވެފައި ދަތުރު ކުރުމަށް ނިންމާފައިވަނީ އޭނާ އަމިއްލައަށް އުފައްދާފައިވާ "ހެމްސްޓާ ވީލް" އެއް ބޭނުން ކޮށްގެންނެވެ.
މި ދަތުރު ކުރުމަށް އޭނާ ތައްޔާރުވަމުން އަންނައިރު، ވަރަށް ބައިވަރު ގޮންޖެހުންތައް ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުނަ ކަނޑުގަދަ ވެއްޖެނަމަ ދެން ހަދާނޭ ގޮތެއް އަދި ނުވިސްނާ ކަމަށާއި މި "އުޅަނދަކީ" ގަދަ ކަނޑުތަކުގައި ދުވުމުގެ ކުޅަދާނަކަށް އަދި ލިބިފައިނުވާ އެއްޗެކެވެ.
އޭނާ އުފައްދާފައިވާ ހެމްސްޓާ ވީލް އަކީ އޭގައި ފެނުމައްޗަށް އަރާ ކަހަލަ ބޮއެ ހަރުކޮށްފައިވާ އެއްޗެކެވެ. އޭގެ ތެރޭގައި އޭނާ ހުރެގެން ދުއްވައިގަތުމުން އެ ވީލް ނުވަތަ ފުރޮޅު އެނބުރޭނެއެވެ. އެހެން ކަމުން އޭނާ ބޭނުންވާ ގޮތަށް އޭތި ދުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ ކުރިން 2014 ވަނަ އަހަރު އޭނާ ވަނީ ކަނޑުމަގުން ހިނގާފައި ދިގު ދަތުރެއް ކޮށްފައެވެ. އެހެން ނަމަވެސް 1000 މޭލަށް ދެވުނު ފަހުން ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އޭނާ ވަނީ އެކަން ނިންމާލާފައެވެ. ފަހުން އެކަންކަން ހައްލު ކުރުމަށްފަހު އޭނާ ވަނީ އަނެއްކާވެސް އެކަމާއިގެން ކުރިއަށް ދާނެ ކަން ހާމަ ކޮށްފައެވެ.
އޭނާގެ މިފަހަރުގެ މި ހަރަކާތަށް ގިނަބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އޭނާ ބުނާގޮތުގައި މިހަރަކާތް އޭނާ ކާމިޔާބުކުރާނެއެވެ.
