ރާއްޖޭގައި ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި، ކޮންމެހެން ބޭނުންވާ ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެންޓިބަޔޮޓިކްސްގެ ހުރިހާ ރޭންޖެއް ރާއްޖެއިން ލިބޭނެގޮތް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ބޭސް ގެނައުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ "އެސެންޝަލް ބޭސް" ގެ ލިސްޓުގައި ހިމެނޭ 1200 އެއްހާ ބޭސް ހުސްނުވެ ލިބޭނެގޮތް ހެދުމަށާއި، ޑޮކްޓަރުން އާންމުކޮށް ލިޔެދޭ ބޭސްތައް ގެނައުމަށް ކަމަށެވެ.

ދުނިޔޭގައި ވެސް މިވަގުތު އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ އެންޓިބަޔޮޓިކަށް ނުގުޑުމުގެ މައްސަލަ (އެންޓިބަޔޮޓިކްސް ރެސިސްޓަންސް) އަށް ރާއްޖެއިން ހައްލެއް ހޯދުމަށް، އެންޓިބަޔޮޓިކްގެ ހުރިހާ ރޭންޖެއް ލިބެން ހުރުމަކީ މުހިންމު ކަމެއްކަން ޑރ. ޝާހު ފާހަގަކުރެއްވިއެވެ. އެގޮތުން، ފުރަތަމަ ދޭ އެންޓިބަޔޮޓިކަށް ނުގުޑާ ހާލަތްތަކުގައި ދެވަނަ ލައިންގެ އެންޓިބަޔޮޓިކެއް ސްޓޮކްގައި ހުރުމުން ބަލިމީހުންނަށް އަވަސް ޝިފާއެއް ލިބި، ރާއްޖޭގައި މި މައްސަލަ މަދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސިއްހީ ދާއިރާގެ އެކި ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ ޓެކްނިކަލް މަސައްކަތެކެވެ.

ބޭސް ލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާ މަޝްވަރާކޮށްގެން، އެ ރަށެއްގެ އާބާދީއަށް އެންމެ އާންމުކޮށް ބޭނުންވާ ބޭސްތައް ދެނެގަތުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. މީގެ ސަބަބުން ބޭސް އިސްރާފުވުން ކުޑަކުރެވި، ބޭނުންވާ ބޭސް އެ ރަށަކުން ލިބެން ހުންނާނެކަން ކަށަވަރުކުރެވޭނެއެވެ. މީގެ އިތުރުން، ސްޓޭޓް ފާމާގެ އެންމެ ބޮޑު އެއް އަމާޒަކީ ޑޮކްޓަރުން ލިޔެދޭ ކޮންމެ ބޭހެއް ހޮސްޕިޓަލްތަކުގެ ފާމަސީތަކުން ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ވެސް ޑރ. ޝާހު ވިދާޅުވިއެވެ.