މާލެއާއި ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީގައި ތިބޭ ފުލުހުން މަސައްކަތްކުރާނެ ގޮތުގެ އާ ޕްލޭނެއް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ޕްލޭން އިފްތިތާހުކޮށްދެއްވީ އިސްކަންދަރު ކޮށި 1 ގައި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ އެކު ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ސީޕީ ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅުއްވާފައެވެ.
ސީޕީ އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި، ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު ވަނީ އިތުރުކުރެވިފައެވެ. އަދި މާލޭގެ ކާރުބާރު ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމު ރައްޔިތުންނަށް މަގުމަތީގައި ދިމާވާ ދަތިތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރެއްވުމަށް އޭނާ ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ. މި ބަދަލާއެކު ރައްޔިތުންނަށް މަގުމަތީގައި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ފުލުހުން އުންމީދުކުރެއެވެ.
މި އާ ޕްލޭނާއެކު ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ވަނީ، މިހާރު ބަލަހައްޓަމުން އަންނަ ސަރަހައްދުތަކުގެ އިތުރުން މާލޭގެ އިތުރު ސަރަހައްދުތަކުގައި ވެސް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން ދީފައެވެ. މީގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ޓްރެފިކް ފްލޯ ރަނގަޅުވެގެންދާނެ ކަމަށް ފުލުހުން ދެކެއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުގެ އެކި ފަންކްޝަންތަކުގެ ކޮމިޝަންޑް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
