މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި 23 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެފައިވާއިރު، އޭގެ ތެރެއިން 12 ހާދިސާއަކީ އަލިފާނުގެ ހާދިސާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އަލިފާނުގެ ހާދިސާތަކުގެ އިތުރުން، ހަތަރު މެޑިކަލް އިވެކުއޭޝަނަކާއި، ކެމިކަލް ލީކުވި ހާދިސާއެއްގެ އިތުރުން މީހުން ސަލާމަތްކުރުމުގެ ފަސް ހާދިސާއަކަށް ވެސް މިދިޔަ ހަފްތާގައި އެމްއެންޑީއެފްއިން ވަނީ އެޓެންޑުވެފައެވެ.
މިދިޔަ ހަފްތާގައި އެމްއެންޑީއެފްއިން އެޓެންޑުވި 23 ހާދިސާގެ ތެރެއިން އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން 16 ހާދިސާއަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އެޓެންޑުވެފައިވާއިރު، ނޮދަން އޭރިއާ ކޮމާންޑުން އެއް ހާދިސާއަށް، އަދި ސެންޓްރަލް އޭރިއާ ކޮމާންޑާއި ސަދަން އޭރިއާ ކޮމާންޑުން ކުރެ ކޮންމެ ކޮމާންޑަކުން ވަނީ ތިން ހާދިސާއަކަށް އެޓެންޑުވެފައެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ރިޕޯޓުކުރި 83 އަލިފާނުގެ ހާދިސާގެ 77 އިންސައްތަ ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. ކާރިސާތައް ގިނަވުމުގެ ސަބަބުން ދައުލަތުން މިފަދަ ކަންކަމަށް ކުރަންޖެހޭ ހޭދަ ވެސް އަންނަނީ އަހަރުން އަހަރަށް ބޮޑުވަމުންނެވެ. އެގޮތުން 2022 ވަނަ އަހަރު ކާރިސާތަކަށް 3 މިލިއަން ރުފިޔާ، އަދި 2023 ވަނަ އަހަރު 6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 10 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ.
