އިންޑިއާގައި މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި، ޑެންގީގެ ހަތަރު ވައްތަރުންވެސް ރައްކާތެރިކޮށްދޭ ވެކްސިނެއް އެ ގައުމުގައި ފުރަތަމަ ފަހަރަށް ތައާރަފުކޮށްފިއެވެ. ޓަކޭޑާ ބަޔޯފާމަސޫޓިކަލްސް އިންޑިއާއިން އުފައްދާފައިވާ "ކިއުޑެންގާ" ނަމަކަށް ކިޔާ މި ވެކްސިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ އެ ގައުމުގެ ޑްރަގް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިއާ (ޑީސީޖީއައި) އިން މިހާރު ވަނީ ދީފައެވެ.

މި ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވަނީ އުމުރުން ހަތަރު އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. މިއީ ތިން މަސް ދުވަހުގެ ފަރަގަކާއެކު ދެ ޑޯޒް ފުރިހަމަކުރަން ޖެހޭ ވެކްސިނަކަށް ވާއިރު، މީގެ ކުރިން ޑެންގީ ޖެހިފައި ނެތަސް ނުވަތަ ވެކްސިން ދިނުމުގެ ކުރިން ހަދަންޖެހޭ ހާއްސަ ޓެސްޓުތަކެއް ހެދުމަކާ ނުލައިވެސް މީހުންނަށް މި ވެކްސިން ދެވޭނެއެވެ.

ދުނިޔޭގެ ނިސްބަތުން ޑެންގީގެ އެންމެ ބޮޑު ނުރައްކަލެއް އޮތް އެއް ގައުމަކީ އިންޑިއާއެވެ. އެގޮތުން ދުނިޔޭގައި ޑެންގީ ޖެހޭ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ އިންޑިއާ މީހުންނަށް ވާއިރު، ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގައި މި ބަލި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މުޅި ދުނިޔޭގައި 2022 ވަނަ އަހަރު ތައާރަފުކުރި ކިއުޑެންގާ ވެކްސިން މިހާރުވެސް 43 ގައުމެއްގައި ބޭނުންކުރަމުން އަންނައިރު، މިހާތަނަށް 32 މިލިއަނަށްވުރެ ގިނަ ޑޯޒް ވަނީ އެކި ގައުމުތަކަށް ފޯރުކޮށްދީފައެވެ.