ޕާކިސްތާނުގައި ގަދަކަމުން ކުރުވަން އުޅުނު ކައިވެންޏަކަށް އިންކާރު ކުރުމުން، އުމުރުން 17 އަހަރުގެ ޝަފިލިއާ މަރާލި މައްސަލައިގައި އޭނާގެ މައިންބަފައިން 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. މި މައްސަލަ ސާބިތުވެފައިވަނީ އޭނާ މަރާލިތާ 7 އަހަރު ފަހުން، އެ ހާދިސާ ހިނގި ވަގުތު އެތާ ހުރި އޭނާގެ އެއްބަނޑުއެއްބަފާ ކުއްޖަކު ފުލުހުންނަށް ދިން ބަޔާނަކާ ގުޅިގެންނެވެ.

ޝަފިލިއާ މަރާލާފައިވަނީ ޕާކިސްތާނުން އެނބުރި ގެއަށް އައިތާ ހަތް ހަފުތާ ފަހުން، އޭނާގެ ހަތަރު ކޮއްކޮއިންގެ ކުރިމަތީގައެވެ. އޭގެ ކުރިން އެ ކައިވެނި ހުއްޓުވުމަށްޓަކައި އޭނާ ވަނީ ނުރައްކާތެރި ކެމިކަލެއްވެސް ބޮއެފައެވެ. އޭނާ ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައި ނުވާއިރު، އެކަން ފުލުހުންނަށް އެންގީ ޝަފިލިއާގެ ހަބަރެއް ނުވެގެން އޭނާގެ ރައްޓެހިން ވާހަކަދެއްކުމުން ސްކޫލުގެ ޓީޗަރެކެވެ.

ޝަފިލިއާ ގެއްލުނުތާ ފަސް މަސް ފަހުން އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގެއާ 100 މޭލު ދުރުގައި އޮތް ކޯރެއްގެ ތެރެއިންނެވެ. މި މައްސަލައިގައި އެއްވެސް ކުރިއެރުމެއް ނުލިބި ހަތް އަހަރު ފާއިތުވެފައި ވަނިކޮށް، މައްސަލައިގެ ހަގީގަތް އެނގުނީ އެހެން މައްސަލައަކާ ގުޅިގެން އޭނާގެ ކޮއްކޮ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ރޭ ހިނގައިދިޔަ ކަންތައްތައް ފުލުހުންނަށް ކިޔައިދިނުމުންނެވެ.