ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޯ ބޭންކިން ނިޒާމު ޒަމާނީ ކުރުމަށާއި ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި 'ފިނަސްޓްރާ އެސެންސް' ޕްލެޓްފޯމް ހިޔާރުކޮށްފިއެވެ. ފިނަސްޓްރާއަކީ މާލީ ދާއިރާގެ ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ބީއެމްއެލްގެ ހިންގުން އިތުރަށް ހަރުދަނާވެ، އައު އީޖާދީ އުފެއްދުންތައް މާކެޓަށް ނެރުން އަވަސްވެގެންދާނެއެވެ. އަދި އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުވެ، ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފަސޭހަކަމާއެކު ހިދުމަތްތައް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ އަމާޒަކީ މެދުކެނޑުމެއްނެތި އައު އީޖާދުތައް ތައާރަފުކުރުމާއި، ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މަންފާއާއި ކުރިއެރުން ހޯދައިދިނުން ކަމަށެވެ. އަދި ފިނަސްޓްރާގެ ޔުނިވާސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަން ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަންބު ކަމަށްވާ ބީއެމްއެލްގެ ހިދުމަތްތައް ޒަމާނީ ކުރުމުގައި ބައިވެރިވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.