އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ގައުމީ އިމްތިހާނުތަކުގެ ކަރުދާސް ލީކުވާ މައްސަލައާ ދެކޮޅަށް "ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ނަމުން ނަންދީފައިވާ ޒުވާނުންގެ ހަރަކާތަކުން ހޯމަ ދުވަހު ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރުމާ ގުޅިގެން މަސްރަހު ގޯސްވެއްޖެއެވެ. 

ޕާލަމެންޓުގެ މޮންސޫން ސެޝަން ފެށުނު ދުވަހު މުޒާހަރާ ކުރުމަށް ފުލުހުން ހުއްދަ ނުދީ ވަނިކޮށް، ޕާލަމެންޓު ކައިރިއަށް އެއްވި މީހުންނާ ދެކޮޅަށް ފުލުހުން ވަނީ ކަރުނަގޭހާއި މުގުރު ބޭނުންކޮށްފައެވެ.

ފާއިތުވި ހަފުތާތަކުގައި ޖަންތަރް މަންތަރް ސަރަހައްދުގައި މި ޒުވާނުން މުޒާހަރާ ކުރަމުން އަންނަނީ "ނީޓް މެޑިކަލް އިމްތިހާނުގެ" ކަރުދާސް ލީކުވުމާއި، ތައުލީމީ ނިޒާމުގެ ޕްރެޝަރާ ހެދި 20 އަށް ވުރެ ގިނަ ކުދިން އަމިއްލައަށް މަރުވި މައްސަލައިގައެވެ. މުޒާހަރާގެ ބައިވެރިން އަންނަނީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށާއި، ގެއްލުންވި އާއިލާތަކަށް ބަދަލު ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރު ނުވާނެ ފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުންނެވެ. 

މުޒާހަރާގެ ބައިވެރިއަކު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ އެ މީހުން އެތަނަށް ނުކުމެ ތިބީ ކޮރަޕްޝަނުގެ ސަބަބުން ޒުވާނުންގެ މުސްތަގުބަލު ފޭރެމުންދާތީ ކަމަށާއި، އެކަމާ ހިމޭނުން ނުތިބޭނެ ކަމަށެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ބައެއް ސަރަހައްދުތަކުގެ މެޓްރޯ ސްޓޭޝަންތައް ބަންދުކޮށް، އިންޓަނެޓުގެ ހިދުމަތްވެސް ވަގުތީ ގޮތުން ކަނޑާލާފައެވެ. އަދި އަންގާރަ ދުވަހުގެ ހެނދުނާ ހަމައަށް އައިއިރު ގިނަ އަދަދެއްގެ މުޒާހަރާވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.