ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް، 2026 ގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު އޭނާގެ ލޯބިވެރިޔާ އިނޭސް ގާސިއާ ސަންތޯސްއަށް ކައިވެންޏަށް އެދުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޭކް ފޮޓޯތަކެއް ކަމަށް ކަށަވަރުވެއްޖެއެވެ. މި ފޮޓޯތައް އާންމުވެފައިވަނީ، ޖުލައި 19 ވަނަ ދުވަހު އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ވޯލްޑް ކަޕްގެ ތަށި އުފުލާލުމާއެކު، ދަނޑުމަތީގައި ޔަމާލް އާއި އިނޭސް އުފާފާޅުކުރި ފަހުންނެވެ.
ފައިނަލް މެޗަށްފަހު އުމުރުން 19 އަހަރުގެ ޔަމާލްއާއެކު ތަށި ހިފައިގެން އިންނަ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެއެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން، ޔަމާލް ކަކޫމައްޗަށް ތިރިވެ އަނގޮޓިއެއް ދީގެން ކައިވެންޏަށް އެދޭ މަންޒަރު ފެންނަ އޭއައި ފޮޓޯތަކެއް ބައެއް އެކައުންޓުތަކުން ވަނީ ފަތުރަން ފަށާފައެވެ. މި ފޮޓޯތަކުގެ ކޮމެންޓުތަކުގައި ގިނަ ބަޔަކު ވަނީ މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ދޮގު ފޮޓޯތަކެއްކަން ފާހަގަކޮށްފައެވެ.
މިކަމާ ގުޅިގެން ހެދި ފެކްޓް ޗެކްތަކުން ދައްކާ ގޮތުގައި، ޔަމާލް ކައިވެންޏަށް އެދިފައެއް ނުވެއެވެ. އަދި ޔަމާލް އާއި އިނޭސްގެ އިތުރުން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނާއި ޔަމާލް ކުޅެމުން އަންނަ ބާސެލޯނާއިންވެސް މިފަދަ އެއްވެސް ކަމެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ބޮޑެތި ކުޅިވަރު މުބާރާތްތަކަށްފަހު މަޝްހޫރު ތަރިންނާ ގުޅޭ މިފަދަ ދޮގު ހަބަރުތަކާއި އޭއައި ފޮޓޯތައް ސޯޝަލް މީޑިއާގައި ފެތުރުމަކީ މިހާރު އާންމުކޮށް ހިނގާ ކަމެކެވެ.
