މި އަހަރުގެ ޖުލައި 26 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި ބޮޑު ތިން ހިދުމަތެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ. މި ހަފުތާގެ ތެރޭގައި އެ ހޮސްޕިޓަލުން ފެށުމަށް ހަމަޖެހިފައިވަނީ ގޭސްޓްރޯއެންޓްރޮލޮޖީ، ނިއުރޮލޮޖީ، އަދި ޔޫރޮލޮޖީގެ ހިދުމަތްތަކެވެ.

ރައްޒާގު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ލަނޑުދަނޑިތަކާ އެއްގޮތަށް ސިއްހީ ދާއިރާއަށް ކުރިއެރުންތައް ގެނެސްދިނުމަކީ އެ ބޯޑުން ނުހަނު ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ހިދުމަތްދިނުމުގެ މަގްސަދުގައި، ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ބައެއް ހިދުމަތްތައް ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާދިފަހުންވެސް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ސިއްހީ ދާއިރާއިން މުހިންމު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ފުލްޓައިމް ކޮންސަލްޓަންޓް އޮންކޮލޮޖިސްޓެއްގެ ހިދުމަތާއި، ރާއްޖޭގެ ފުރަތަމަ ކޮންސަލްޓަންޓް ސަބް-ސްޕެޝަލިސްޓް ބްރެސްޓް ސާޖަންގެ ހިދުމަތުގެ އިތުރުން ފުރަތަމަ ދިވެހި ގްލޯކޯމާ ސްޕެޝަލިސްޓާއެކު ފަރުވާ ދޭން ވަނީ ފަށާފައެވެ. ރައްޒާގު ވިދާޅުވި ގޮތުގައި މި ކާމިޔާބީތަކަކީ ސިއްހީ ހިދުމަތްތެރިންގެ ބުރަ މަސައްކަތާއި، ރައީސް މުއިއްޒުގެ ހަރުދަނާ އިރުޝާދާއި، ހެލްތް މިނިސްޓްރީގެ އެއްބާރުލުމާއެކު ލިބުނު ކުރިއެރުންތަކެކެވެ.