ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މާލެ ސަރަހައްދުގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވެފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. މި ބަދަލު ގެންނަން ޖެހުނީ ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ކުނި މެނޭޖުކުރާ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެންނެވެ.

ވެމްކޯއިން ބުނި ގޮތުގައި ތިލަފުށީ ސައިޓުގައި ރޯވި އަލިފާނުގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހި، ދުވަހުން ދުވަހަށް ދެމުން އަންނަ ހިދުމަތްތަކަށް ވަނީ ހުރަސްއެޅިފައެވެ. މީގެ އަސަރު މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފަރ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ކޮށްފައިވާތީ، އެ ތަންތަނުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ވަނީ މަޖުބޫރުވެފައެވެ.

އެ ކުންފުނިން އަންނަނީ ތިލަފުށީ ސައިޓުގެ އޮޕަރޭޝަންތައް އާދައިގެ ހާލަތަށް އިއާދަކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ހިދުމަތް ދެމުންދާ ހުރިހާ ސައިޓުތަކެއްގެ ހާލަތު ބެލުމަށްފަހު، މާލެ ސަރަހައްދުގެ ރައްޔިތުންނަށް މި ހާދިސާގެ އަސަރު އެންމެ ކުޑަކޮށް ކުރާނެ ގޮތަކަށް ހިދުމަތްތައް ބައްޓަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވެމްކޯއިން ބުންޏެވެ. މި ދަނޑިވަޅުގައި ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ އާންމުންގެ ކިބައިން މާފަށް އެދިފައެވެ.