އިންޑިއާގެ އުތުރު ސަރަޙައްދެއްގައި ހުންނަ ފިހާރައަކަށް މިނިކާވަގެއް (ލެޕަރޑެއް) ވަދެގަނެ، އެ ފިހާރައިގެ ސޭޓު މީހާއަށް ހަމަލާދޭ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯއެއް އާންމުވެއްޖެއެވެ. ފިހާރައިގެ މަސައްކަތުގައި ސޭޓު މީހާ އިންދާ ކުއްލިއަކަށް ވަދެގަތް މި މިނިކާވަގުގެ ސަބަބުން އެ ސަރަހައްދުގައި ބޮޑު ސަމާލުކަމެއް ވަނީ އުފެދިފައެވެ.
ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުން މިނިކާވަގު ހަމަލާދިން ނަމަވެސް، އެ ފިހާރައިގެ ސޭޓު މީހާއަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ހާދިސާ ހިނގި ގޮތުގެ ތަފްސީލު ސީސީޓީވީ ކެމެރާއަށް ވަނީ ވަރަށް ސާފުކޮށް ރެކޯޑުކުރެވިފައެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަޙައްދުގެ ފޮރެސްޓް ޑިޕާޓްމަންޓުގެ ރެސްކިއު ޓީމުން ވަގުތުން ހަރަކާތްތެރިވެ، އެ މިނިކާވަގު ވަނީ ރައްކާތެރިކަމާއެކު އަތުލައިގަނެގެން ގެންގޮސްފައެވެ. ޖަންގަލިތައް ކުޑަވުމުގެ ސަބަބުން މިފަދަ އަނިޔާވެރި ވަލު ޖަނަވާރުތައް އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވަނުން އިތުރުވަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
