ވާރޭފެނަކީ ޤުދުރަތީ ގޮތުން ލިބޭ އެންމެ ސާފު އެއް ފެނުގެ ވަސީލަތެވެ. ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ބުއިމަށާއި ކައްކަން ވާރޭފެން ބޭނުންކުރުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ސާފުކޮށް ރައްކާކުރެވިފައިވާ ވާރޭފެނުގައި ހުންނަ ނިއުޓްރަލް ޕީއެޗް މިންވަރާއި، ގޭސް އަދި ކްލޮރިން ފަދަ ކެމިކަލްތައް ނުހުންނާތީ، މިއީ ހަށިގަނޑުގެ ހަޖަމުގެ ނިޒާމަށާއި ޖުމްލަ ސިއްހަތަށް ވަރަށް ފައިދާހުރި ފެނެކެވެ.
ސިއްހީ ގޮތުން ބަލާއިރު، ސާފު ވާރޭފެން ބުއިމަކީ ހަށިގަނޑުގައި ހުންނަ ނޭދެވޭ މާއްދާތައް (ޓޮކްސިންސް) ބޭރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން، ވާރޭފެނުން ފެންވެރުމަކީ އިސްތަށިގަނޑާއި ހަންގަނޑުގެ އާރޯކަން ދަމަހައްޓައި، ހަންގަނޑު ހިކުނަނުދީ ރައްކާތެރިކޮށްދޭ ކަމެކެވެ. ސަބަބަކީ އިސްކުރު ފެނުގައި ހުންނަ ފަދަ ގަދަ ކެމިކަލްތައް ވާރޭފެނުގައި ނުހުންނާތީއެވެ.
ނަމަވެސް، ވާރޭފެން ބޭނުންކުރުމުގައި ސިއްހީ ގޮތުން ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއްވެސް ހުރެއެވެ. ޖައްވުގައި ހުންނަ ދުމާއި، ފުރާޅުމަތީގައި ހުންނަ ކުނިބުންޏާއި، ދޫނިސޫފާސޫފީގެ ނަޖިސް ފެނާއެކު އެކުވެގެންދިއުމުގެ ފުރުސަތު އޮވެއެވެ. އޭގެ ސަބަބުން ފެނުގައި ބެކްޓީރިއާ އުފެދި، ބަނޑުގެ ބަލިތަކާއި އިންފެކްޝަންތަކަށް މަގުފަހިވެގެންދެއެވެ. އެހެންކަމުން، ވާރޭވެހޭއިރު ފުރަތަމަ ވެހޭ 15-20 މިނެޓުގެ ފެން ނެގުމުގެ ބަދަލުގައި އޭގެ ފަހުން ވެހޭ ފެން ނަގާ ރައްކާކުރުން މުހިއްމެވެ.
ވާރޭފެނުގެ ފުރިހަމަ ސިއްހީ ފައިދާ ލިބިގަތުމަށްޓަކައި، ފެން ނަގާ ފުރާޅާއި ދިޔަދޮއްވާއި ހޮޅިތަކާއި އަދި ތާނގި ގަވާއިދުން ސާފުކުރުން ބޭނުންތެރިއެވެ. އަދި ބުއިމަށް ބޭނުންކުރުމުގެ ކުރިން ފެން ރަނގަޅަށް ކައްކައިގެން ބޭނުންކުރުން ނުވަތަ ރަނގަޅު ފިލްޓަރޭޝަން ނިޒާމެއް ބޭނުންކުރުމަކީ ރައްކާތެރި ގޮތެކެވެ. ފެން ރައްކާކުރާ ތާންގީތައް ބަންދުކޮށް، ސާފުކޮށް ބެހެއްޓުމުން ނުރައްކާތެރި ބެކްޓީރިއާތަކުން ރައްކާތެރިވެ، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް އެހީތެރިވެދޭނެއެވެ.
ހަވާލާ: ޑިސްކަވަރީ ޗެނަލް 2023.
