އިންޑިއާގައި ދަތުރުކުރަމުންދިޔަ ރޭލެއްގެ ތެރޭގައި، އެއްވެސް ރައްކާތެރިކަމުގެ އާލާތެއް ނެތި، ނަރުހަކު އަންހެނަކު ވިއްސައިފިއެވެ. އުމުރުން 36 އަހަރުގެ މި އަންހެންމީހާ ވިހާފައިވަނީ، އޭނާގެ 11 އަހަރާއި 8 އަހަރުގެ ދެ އަންހެން ދަރިންނާއެކު ނާގްޕޫރުން މުމްބާއީއަށް ދަތުރުކުރަމުން ދަނިކޮށެވެ. އަތްދަބަހެއް، އަންގިއެއް އަދި ސްޓެރައިލް ކޮށްފައިވާ އާލާތެއް ނެތި، ނަރުހަކު މިކަން ކޮށްފައިވަނީ އާދައިގެ ވަޅިއަކާއި ރޮދި ބޭނުންކޮށްގެންނެވެ.
ރޭގަނޑު 10 ޖަހާއެހާކަންހާއިރުން ފެށިގެން މި އަންހެންމީހާ ބަނޑުގައި ރިއްސަމުން ދިޔަ ނަމަވެސް، އޭނާ އެކަން އެހެން މީހުންނަށް އެންގީ ދަންވަރު 2 ޖަހާ ބޮޑުވި ފަހުންނެވެ. އޭރު ރޭލު ދަތުރުކުރަމުންދިޔައީ މަހާރާޝްތްރާގެ ޖަލްގާއޯން ޑިސްޓްރިކްޓް ހުރަސްކޮށެވެ. ރޭލުގެ ހެލްޕްލައިނަށް ގުޅުމުން އަންގާފައިވަނީ އެހީތެރިކަމެއް ފޯރުކޮށްދެވޭނީ ދެން އެންމެ އަވަހަށްވެސް ރޭލު މަޑުކުރާ ސްޓޭޝަނަކުން ކަމަށެވެ.
މި ނާޒުކު ދަނޑިވަޅުގައި އަންހެންމީހާއަށް އެހީތެރިވެދިނީ ހަމަ އެ ރޭލުގައި ދަތުރުކުރަމުންދިޔަ ބޮމްބޭ ހޮސްޕިޓަލް އެންޑް މެޑިކަލް ރިސަރޗް ސެންޓަރުގެ ސްޓާފް ނަރސްއެއް ކަމަށްވާ މީނޫ ބައިސާރޭ އެވެ. އޭނާގެ ހުށިޔާރުކަމާއި ތަޖުރިބާގެ އަލީގައި، އެއްވެސް ވަސީލަތެއް ނެތް ނަމަވެސް، ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއްގައި އަންހެންމީހާ ސަލާމަތުން ވަނީ ވިއްސާފައެވެ.
ވިހެއުމުގެ ތެރޭގައި ކުއްޖާގެ ބޯ ތާށިވެދާނެތީ ޑަކްޓަރުން ހަދާ ޕްރޮސީޖާރ އެއްކަމަށް ވާ އެޕިސިއެޓޮމީ ވަނީ ހަދާފައެވެ. ކުއްޖާ ނުކުންނަ ދޮރުގެ އަރިމަތިން ކުޑަތަންކޮޅެއް ކަނޑާލައިގެން ހަދާ މި ޕްރޮސީޖާރ އެ ނަރުސް މީހާ ވަނީ އާދައިގެ ވަޅިއެއް ބޭނުންކޮށްގެން ހަދާފައެވެ. އަދި ކުއްޖާ ވިހެއުމަށްފަހު އެތަން ފަހާފައިވަނީ އާދައިގެ ރޮދިންނެވެ. އިންޑިޔާގެ މީޑިއާތަކުގައި މި ހާދިސާއަށް ދަނީ ގިނަ ބައެއްގެ ތައުރީފު ލިބެމުންނެވެ.
