ހޫނު މޫސުމުގައި ސޫފާސޫފީގެ އުނދަގޫތަކުން ޖަނަވާރުން ސަލާމަތްކުރުމަށްޓަކައި، އިނގިރޭސިވިލާތުގެ ޑެވަންގައި ހުންނަ 'ދަ ޑޮންކީ ސެންކްޗުއަރީ' އިން ތަފާތު އީޖާދީ ގޮތެއް ހޯދައިފިއެވެ. އެގޮތުން އެތަނުގައި ގެންގުޅޭ 40 ވަރަކަށް ހިމާރު، އިންސާނުން ލާ އުޅޭ ބޮޑެތި ހަރުވާޅާއި ޕިޖާމާ ފަދަ ތަކެތި ލައްވައިގެން އުޅޭ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ.
މިފަދަ ފިޔަވަޅެއް އަޅަން ޖެހުނީ، ހޫނު މޫސުމުގައި ގައިގާ ހަފާ ސޫފީގެ ސަބަބުން ހިމާރުތަކުގެ ހަންގަނޑު ހަލާކުވެ، އިންފެކްޝަންތައް އުފެދޭތީއެވެ. އާންމުކޮށް ބޭނުންކުރާ ސްޕްރޭ އަދި ކްރީމްތަކުގެ އަސަރު އަވަހަށް ކެނޑޭތީ، ފުރަތަމަ އިސްޓާކީނު ލައްވަން އުޅުމުން އެވެސް ފައިން ފައިބާތީ، އެންމެ ފަހުން ހޯދުނު އެންމެ ކާމިޔާބު ހައްލަކީ އިންސާނުން ލާ ބޮޑެތި ހަރުވާޅު ފަދަ ތަކެއްޗެވެ. ހިނގާބިނގާވެ އުޅޭއިރު މި ފޮތިގަނޑު ހެލޭތީ ސޫފާސޫފިތަކަށް އެސޮރުމެންގެ ހަށިގަނޑާ ގާތްވާން ޖެހިލުންވެއެވެ.
މިއީ ހަމައެކަނި ޖަނަވާރުންނަށް އޮތް ފަސޭހައެއްގެ އިތުރުން، ތިމާވެއްޓާވެސް ވަރަށް ރައްޓެހި އަދި ދެމެހެއްޓެނިވި ހައްލެކެވެ. މި މަޝްރޫޢަށް ބޭނުންވާ އަންނައުނު ހޯދަނީ އާންމުންގެ ފަރާތުންނާއި ސެންޓް އެންޑްރޫސް ޔުނިވަރސިޓީގެ ރީޔޫސް ޝޮޕް ފަދަ ތަންތަނުންނެވެ. މީގެ ސަބަބުން، އުކާލެވޭ އަންނައުނު ގޮނޑަށް ދިއުމުގެ ބަދަލުގައި އެތަކެތި އަލުން ބޭނުންކުރެވި، ޖަނަވާރުންނަށް ވެސް އޭގެ ފައިދާ ކުރެއެވެ.
