އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ މޭ 14، 2026 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފުރަތަމަ ފަހަރަށް ފާސްކޮށް ތަސްދީގުކުރަން ފޮނުވުމުން، މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން މޭ 31 ގައި ރައީސް އަނބުރާ ފޮނުއްވާލެއްވި ބިލެކެވެ. އެއަށްފަހު، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލަށް އިތުރު އިސްލާހުތަކެއް ގެނެސް ދިރާސާކުރުމަށްފަހު، ޖުލައި 14 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއިން ވަނީ އަލުން އެ ބިލު ފާސްކޮށްފައެވެ.

މި ބިލު އެކުލަވާލާފައިވަނީ ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި، ހިދުމަތް ދޭ ފަރާތްތަކާއި ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމުގެ މަގުސަދުގައެވެ.

މި ގާނޫނުގެ ދަށުން ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އިންނެވެ. އަދި ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަދޭނީ "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އިންނެވެ. މީގެ އިތުރުން، ގާނޫނާ ހިލާފަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ކުށާއި އަދަބުތައްވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.