އިންޑިޔާގެ ކުޑަ ކުއްޖެއްގެ ފަޔަށް ހަރުފައެއް ވިހަލުމުން، ހޮސްޕިޓަލަށް ދިޔައީ އެ ހަރުފަ ހިފައިގެންނެވެ.

އުމުރުން 7 އަހަރުގެ ދަރްޝިތް ނަމަކަށް ކިޔާ މި ކުޑަކުއްޖާގެ ފަޔަށް ހަރުފައެއް ވިހަލާފައިވަނީ އޭނާގެ ރައްޓެހިންނާއި އެކީ މަސްބާނަން އުޅުމުގެ ތެރޭގައެވެ. އިންޑިޔާގެ ކަންޗީޕޫރަމްގެ ޕޫސިވައްކަމް ސަހަރުގައި ދިރިއުޅޭ ދަރްޝިތް، މަސްބާނަން ދިޔައީ އެ ސަހަރުގައި އޮންނަ ފެންގަނޑެއްގެ ކައިރިއަށެވެ. މިއީ އާންމުކޮށް އޭނާ ގޮސްއުޅޭ ސަރަހައްދުގެ ރިޕޯޓުތައް ބުނާގޮތުން އޭނާގެ ފައިގައި ހަރުފަ ވިހަ ލުމާއި އެކު އޭނާ ތެޅިފޮޅިގަނެފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ވިސްނުން އިސްކޮށް ދަނޑިބުރިއަކުން ޖަހާ އެ ހަރުފަ މަރާލިއެވެ. އޭގެފަހުން އޭނާގެ ގެއަށް އޭނާ ދިޔައީ ހަރުފަ ހިފައިގެންނެވެ. އޭނާ އޭނާގެ ބައްޕަ ހޮސްޕިޓަލަށް ދިޔައީވެސް އެ ހަރުފަ ހިފައިގެންނެވެ.

އުމުރުން 7 އަހަރުގެ ދަރްޝިތް ބުނީ އޭނާ އެ ހަރުފަ ހިފައިގެން ހޮސްޕިޓަލަށް ދިޔައީ އޭނާ ސުކޫލުން ދަސްކުރި ފިލާވަޅަކުން އެނގުނު އެއްޗެއްގެ ސަބަބުންނެވެ. ހޮސްޕިޓަލުން ވަނީ އެ ހަރުފަ ބަލާ އެއީ ކޮން ކަހަލަ ހަރުފައެއްތޯ ދެނެގަނެ އެ ހަރުފައިގެ ވިހަ އާއި ދެކޮޅަށް މަސައްކަތް ކުރާނޭ އެންޓި ވެނޮމް އެއް ދަރްޝިތްއަށް ދީފައެވެ. ރިޕޯޓުތައްބުނާ ގޮތުން އެއީ "ރަސްލް ވައިޕާރ" ނަމަކަށް ކިޔާ އާއިލާއެއްގެ ހަރުފައެކެވެ. އެއީ އެންމެ ވިހަގަދަ ހަރުފަތަކުގެ ތެރެއިން އެއްވައްތަރެވެ.

އެ ސަރަހައްދުގެ ހޮސްޕިޓަލުން ފަރުވާ ކުރުމަށްފަހު އިތުރުފަރުވާ އަށް އޭނާ ވަނީ އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްތް އެގްމޯރ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން، އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ބަދަލުކުރެވުނު ވަގުތުގައިވެސް އޭނާ ވަނީ އެ ހަރުފަވެސް ގެންދިއުމަށް އެދިފައެވެ.

ދަރްޝިތްގެ މި ކެރުންތެރިކަމާއި ބިރުކުޑަކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އަދި ގިނަބަޔަކު އޭނާއަށް އަވަސް ޝިފާއަކަށްވެސް އެދެމުން ދެއެވެ.