ޖަޕާނުގެ ކިއުޝޫ ޔުނިވަރސިޓީގެ ސައިންސްވެރިން ވަނީ އުމުރުން ދުވަސްވުމުން މަސްތަކުގެ ބާރުދެރަވުމާއި މަސްތަކަށް ލިބޭ ގެއްލުންތައް އަވަހަށް ރަނގަޅުކުރުމަށް އެހީތެރިވެދޭނެ އާ ކޮމްޕައުންޑެއް ހޯދާފައެވެ. "އެލް.އޭ.އެސް.އެސް.އެސް" ގެ ނަމުން ނަންދެވިފައިވާ މި ސަލްފާ-ބޭސްޑް މާއްދާއަކީ މަސްތައް އާލާކޮށްދިނުމުގައި ހަރަކާތްތެރިވާ މުހިންމު ޕްރޮޓީންތައް ވަރުގަދަކޮށްދޭ މާއްދާއެކެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި، މި މާއްދާގެ ސަބަބުން ހަށިގަނޑުގައިވާ "އެޗް.ޖީ.އެފް" ނަމަކަށްކިޔާ މުހިންމު ޕްރޮޓީނެއް ހަލާކުވިޔަނުދީ ރައްކާތެރިކޮށްދެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން "ސުޕަރ އެޗް.ޖީ.އެފް" އެއް އުފެދި، މަސްތަކަށް ލިބޭ ގެއްލުންތައް ކުރިއަށްވުރެ މާ އަވަހަށް އަދި ވަރުގަދައަށް ރަނގަޅުކުރުމުގެ ގާބިލުކަން ހަށިގަނޑަށް ލިބިގެންދެއެވެ.

އުމުރުން ދުވަސްވަމުންދާވަރަކަށް އިިންސާނާގެ މަސްތަކުގެ ބާރުދެރަވެ، މަސްތަކުގެ މާސް މަދުވުމަކީ އާންމުކޮށް ދިމާވާ ސިއްހީ މައްސަލައެކެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި އާ ހޯދުމުގެ ސަބަބުން، އުމުރުން ދުވަސްވުމުން މަސްތައް ހީނަރުވިޔަނުދީ ހިފެހެއްޓުމަށާއި، ވަރުގަދަކަން ދެމެހެއްޓުމަށް ބޭނުންކުރާނެ އާ ފަރުވާތަކެއް ކުރިއަށް އޮތް ތަނުގައި ތަރައްގީކުރެވިގެންދާނެއެވެ.

މި ހޯދުމަކީ އުމުރުން ދުވަސްވީ މީހުންގެ ހަރަކާތްތެރިކަމާއި މިނިވަންކަން ދެމެހެއްޓުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. އިތުރު ދިރާސާތަކާއެކު މި މާއްދާ ބޭނުންކޮށްގެން އުފައްދާ ބޭސްތައް މާކެޓަށް ނުކުތުމުން، އުމުރުން ދުވަސްވީ ނަމަވެސް ވަރުގަދަ އަދި ސިއްހަތު ރަނގަޅު ދިރިއުޅުމެއް އުޅުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.