ދިވެހިރާއްޖޭގެ ފަޚުރުވެރި 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ގައުމުގެ މިނިވަންކަން ދިފާއުކޮށް ދެމެހެއްޓުމަށްޓަކައި ޒުވާނުންގެ ގާބިލުކަން އިތުރުކުރުމާއި އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލިއަޅުއްވާލައްވައިފިއެވެ.
ރައީސް ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ގުރުބާންވި ބަތަލުންގެ ޒިކުރާ އާކުރައްވައި އެ ބޭފުޅުންނަށް ހެޔޮދުއާ ރައްދުކުރެއްވިއެވެ. އަދި މިއަދު ދިވެހި ރައްޔިތުންގެ މައްޗަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނައިން ގުރުބާންވެގެން ހޯދައިދިން މިނިވަންކަން ދެމެހެއްޓުންކަން ފާހަގަކުރައްވަމުން، އެ މުހިންމު ވާޖިބު އަދާކުރުމަށްޓަކައި ކޮންމެ ފަރުދަކުވެސް ގައުމީ ލޯބި އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުމަކީ މިނިވަންކަން ދެމެހެއްޓުމަށް އިންތިހާއަށް ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވަމުން، މިނިވަންކަމުގެ ބަހާލަތުތަކުން ސިފަ ލިބިގަނެ މިނިވަންކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުންކަން ހަނދާންކޮށްދެއްވަމުން، ގައުމީ މަސައްކަތުގައި ސާބިތުވެ ތިބުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
