ގައުމުގެ ކަންކަން ނިންމުމުގައި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންގެ ލަފާފުޅު ހޯއްދެވުމަށްޓަކައި މަޝްވަރާ މަޖިލީހަކާއި، ދާއިރާތަކުގެ އިލްމީ ތަޖުރިބާކާރުން ހިމެނޭ ގައުމީ މަޖިލީހެއް ދާދިއަވަހަށް އެކުލަވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންގެ މަސައްކަތުގެ އަޚްލާގާއި، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމުގެ ސިފަތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ގައުމީ މުހިންމު ނިންމުންތައް ނިންމެވުމުގައި އެފަދަ ބޭފުޅުންގެ ތަޖުރިބާއާއި ލަފާފުޅު ސަރުކާރަށް ލިބިގެންދިއުމަކީ ގައުމުގެ ކުރިއެރުމަށް ނުހަނު ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ގާނޫނު ހެދުމުގެ ދާއިރާގައި ޒުވާނުންނާއި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވުމަށާއި، 2027 ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކޮށް އިގްތިސާދީ މިނިވަންކަން ކަށަވަރުކުރެއްވުމުގެ ތަސައްވުރުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފައެވެ.
