އެމެރިކާގައި އަލުން ހިމަބިހި (މީސަލްސް) ފެތުރެން ފެށުމާއެކު، ސިއްޙީ ކަމާބެހޭ މާހިރުން ވަނީ ބޮޑު އިންޒާރެއް ނެރެފައެވެ. ސައުތު ކެރޮލައިނާ އަދި ޔޫޓާގެ ހޮސްޕިޓަލްތަކުގެ މަޢުލޫމާތު ދިރާސާކުރުމަށްފަހު ނެރުނު ރިޕޯޓްތަކުން ދައްކާ ގޮތުގައި، މި ބަލި ޖެހޭ މީހުންގެ ސިކުނޑި ދުޅަވުމާއި (އެންސެފަލައިޓިސް) އަދި ނުރައްކާތެރި ސެޕްސިސް ފަދަ އިންފެކްޝަންތައް އުފެދެމުންދެއެވެ.
މި ނުރައްކާތެރި ހާލަތު މެދުވެރިވާ ސަބަބަކީ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ވެކްސިން ޖަހާ މިންވަރު ދަށަށް ދިއުމެވެ. މީގެ ސަބަބުން، ކުރިން ކޮންޓްރޯލް ކުރެވިފައިވާ މި ރޯގާ އަލުން ބާރަށް ފެތުރެން ވަނީ ފަށާފައެވެ. ހިމަބިހީގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ނިއުމޯނިއާ އަދި ސިކުނޑިއަށް ދާއިމީ ގެއްލުން ލިބޭ ސީރިއަސް މައްސަލަތައް ކުރިމަތިވެއެވެ.
ޑޮކްޓަރުން އިލްތިމާސްކުރަނީ މިއީ ހަމައެކަނި ކުޑަކުދިންގެ ހަމުގައި ނަގާ ބިހިތަކެއްގެ ގޮތުގައި ނުދެކުމަށެވެ. އަދި ބަލިން ރައްކާތެރިވުމަށްޓަކައި ދެ ޑޯޒް ފުރިހަމަކުރުމުން 97 އިންސައްތަ ރައްކާތެރިކަން ލިބޭ އެމްއެމްއާރު ވެކްސިން ކުދިންނަށް ދިނުން އަވަސްކުރުމަށް މާހިރުން ވަނީ އިލްތިމާސްކުރައްވާފައެވެ. ހަމައެއާއި އެކު ބައެއް އެކްޓިވިސްޓުން ބުނަމުންދަނީ މިއީ ވެކްސިން ޖަހާ މީހުން މަދުވުމުން އެކަމަށް ތަރުހީބު ހޯދުމަށް ސިއްހީ ދާއިރާގެ ފަރާތްތަކުން އާއްމުން ބިރުދެއްކުމަށް ދައްކާ ވާހަކަތަކެކެވެ. އެހެން ނަމަވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ތަފާސް ހިސާބުވެސް އާއްމު ކުރަމުންނެވެ.
