އެސް ޕްރޮޑަކްޝަންސްއާއި މާސްކޭ ސްޓޫޑިއޯ ގުޅިގެން 2020 ގައި ގެނެސްދިން ލޯބީގެ އަސަރުގަދަ ފިލްމު "އަނދިރިކަން" މާދަމާ މީޑިއާނެޓްގެ މަލްޓި ސްކްރީނުގައި ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.

ދިވެހި މުޖުތަމަޢުގައި މިހާރު ވަރަށް އާންމުކޮށް ހިނގާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލައިގެން ހަދާފައިވާ މި ފިލްމުގެ މައިގަނޑު ތަރިންނަކީ ޢަލީ ސީޒަން، ޝީލާ ނަޖީބު، އާމިނަތު ރިޝްފާއެވެ. އޭގެ އިތުރުން އަޙްމަދު ސަޢީދު، ޒީނަތު އައްބާސް، މަރިޔަމް ޝަކީލާ އަދި މުޙައްމަދު ރަޝީދު (ދަރާ) ވެސް ފިލްމުގެ މުހިންމު ރޯލުތަކެއް ކުޅެފައިވެއެވެ. މިއީ ޝީލާ ބުރުގާ އެޅުމުގެ ކުރިން ކުޅުނު އެންމެ ފަހު ފީޗާ ފިލްމުކަން ފާހަގަކޮށްލެވެއެވެ.

"ތަންކޮޅެއް މެޗުއާރޑް މެރިޑް ލައިފެއް ދައްކުވައިދޭނީ. މިކަހަލަ މެޗުއާޑް ސްޓޯރީއެއް ސިނަމާތަކަށް ނާންނަތާ ތަންކޮޅެއް ގިނަދުވަސް ވެއްޖެ ކަންނޭނގެ." ފިލްމު އޮލިމްޕަހުގައި ރިލީޒްކުރުމުގެ ކުރިން އޮންލައިން ނޫޙަކަށް ދިން އިންޓަވިއުއެއްގައި ސީޒަން ބުނެފައިވެއެވެ.

ފިލްމުގައި ދެ ލަވައެއް ހިމެނޭއިރު، އެ ލަވަތައް ކިޔައިދީފައިވަނީ ޝިފާ ތައުފީޤް، މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ)، މަރިޔަމް އަޝްފާ، އަދި ކުރިއަރަމުން އަންނަ ލަވަކިޔުންތެރިޔާ އަލީފް ޢަލީއެވެ. ދެ ލަވައިގެވެސް ޅެން ހެދީ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ) އެވެ. މިއުޒިކް ތައްޔާރުކުރީ ޙުސައިން ސޮބާޙްއާއި އިބްރާހީމް ނިފާރު (ތިއްތި) އެވެ.

ސީޒަންގެ ކޮންސެޕްޓަކަށް ފިލްމުގެ ސްކްރީންޕްލޭ ލިޔެދިނީ ހުނަރުވެރި ސްކްރީން ރައިޓަރ އަޙްމަދު ޒަރީރެވެ. ޒީނަތު އައްބާސް ތަރިންގެ މޭކަޕް ކޮށްދިންއިރު ފިލްމު ކެމެރާ ކުރީ ޢަބްދުﷲ ޝިވާޒް (މާސްކޭ) އެވެ. ޑައިރެކްޓްކުރީ ކުޅަދާނަ އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންއެވެ.

ފިލްމު "އަނދިރިކަން" މާދަމާ މީޑިއާނެޓްގެ މަލްޓި ސްކްރީނުގައި ރިލީޒްކުރާއިރު މީޑިއާނެޓްގެ އެމްއެސް ޓީވީއިންވެސް މި ފިލްމު ބަލައިލެވޭނެއެވެ.