ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ހަކުރުބައްޔަށް މަގުފަހިވަނީ ހަށިގަނޑުގައި ފެޓް ނުވަތަ ސަރުބީ ގިނަވުމުންނެވެ. ނަމަވެސް، މިޝިގަން މެޑިސިން – ޔުނިވަސިޓީ އޮފް މިޝިގަންގެ ސައިންސްވެރިން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ހަށިގަނޑަށް ބޭނުންތެރި، ސިއްހަތަށް ރަނގަޅު ފެޓް މަދުވުމަކީވެސް ހަކުރުބައްޔާ ކުރިމަތިލާންޖެހޭ މުހިންމު ސަބަބެކެވެ. މި ހޯދުމުން އެނގިގެންދަނީ ހަށިގަނޑުގެ މެޓަބޮލިޒަމް ހަމައެކަނި ބުރޫއަރަނީ ސަރުބީ ގިނަވެގެން އެކަނި ނޫންކަމެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި، ހަށިގަނޑުގައިވާ ފެޓް ސެލްތަކަށް ގެއްލުންލިބި ހަލާކުވުމުން އެ ސެލްތަކުގައި ދެން "އިންފްލެމޭޝަން" ނުވަތަ ދުޅަ އުފެދެން ފަށައެވެ. މިގޮތަށް ދުޅަވުމުން، ސަރުބީ ނުވަތަ "ލިޕިޑްސް" ރައްކާކޮށްދިނުމުގެ ގާބިލުކަން އެ ސެލްތަކުން ގެއްލިގެންދެއެވެ. އަދި އެންމެ ފަހުން މި ސެލްތައް އެއްކޮށް ނެތިގޮސް، ހަށިގަނޑަށް ބޭނުންވާ މުހިންމު ފެޓް ޓިޝޫތައް މަދުވާން ފަށައެވެ.

ހަށިގަނޑުގައި ހުންނަންޖެހޭ ސިއްހަތަށް ރަނގަޅު ފެޓް މަދުވުމުން، ކާނާއިން ލިބޭ ސަރުބީ ރައްކާކުރާނެ ރަނގަޅު ތަނެއް ހަށިގަނޑަކުން ނުފެނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެ ސަރުބީތައް ސިއްހަތަށް ނުރައްކާތެރި ގޮތަކަށް ލޭގެ ތެރެއަށާއި، ފުރަމޭ (ލިވަރ) އަދި މަސްތަކުގެ ތެރެއަށް ފެތުރިގެންދެއެވެ. މިކަމުގެ ސަބަބުން އިންސިއުލިންއަށް ހަށިގަނޑު އަސަރުނުކުރާ ގޮތްވެ، ހަކުރުބަލީގެ ދެވަނަ ވައްތަރު ޖެހުމަށް މަގުފަހިވެއެވެ.

މި އާ ހޯދުމުގެ ސަބަބުން ހަކުރުބައްޔަށް ދެވޭ ފަރުވާތަކަށް ބޮޑު ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ކުރިން ހަމައެކަނި ހަށިގަނޑުގެ ބަރުދަން ލުއިކުރުމާއި ސަރުބީ މަދުކުރުމަށް އިސްކަންދިން ނަމަވެސް، މިހާރު ސައިންސްވެރިންގެ އަމާޒަކީ ސިއްހަތަށް ރަނގަޅު ފެޓް ސެލްތައް ހަލާކުވިޔަނުދީ ރައްކާތެރިކުރުމެވެ. މީގެ ސަބަބުން ހަކުރުބަލިޖެހުމުގެ ނުރައްކަލުން ރައްކާތެރިވުމަށާއި، ބައްޔަށް އާ ފަރުވާތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.