. ފުރަތަމަ މަރުހަލާ:
ޤަދީމީ ރޯމަން ސަހަރެއް ކަމަށްވާ ޕޮމްޕޭ ހަލާކުވެގެން ދިޔައީ އެންމެ ސިކުންތެއްގެ ތެރޭގައި ނޫން ކަމާއި، އެއީ ގާތްގަނޑަކަށް 24 ގަޑިއިރަށް ދެމިގެންދިޔަ ބިރުވެރި ކާރިސާއެއްކަން ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ސާބިތުވެއެވެ. މީލާދީން 79 ވަނަ އަހަރު މައުންޓް ވެސޫވިއަސް އަލިފާންފަރުބަދަ ގޮވައިގެން ދިޔުމާއެކު، އެ ސަހަރުގެ އަހުލުވެރިންނަށް ސަލާމަތްވުމަށްޓަކައި އެއް ދުވަހުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ގިނަ ބަޔަކަށް އެ ވަގުތުގެ ބޭނުން ނުހިފި، އެ ސަހަރު ވަނީ އަލިފާންފަރުބަދައިގެ އަޅިއާއި ގަލުގެ ދަށުގައި މުޅިން ވަޅުލެވިފައެވެ.
. ސައިންޓިފިކް ޙަޤީޤަތް - ފުރަތަމަ މަރުހަލާ:
ސައިންޓިފިކް ގޮތުން ބަލާއިރު، މި އަލިފާންފަރުބަދަ ގޮވުން ބެހިގެންދިޔައީ މައިގަނޑު ދެ މަރުހަލާއަކަށެވެ. ފުރަތަމަ މަރުހަލާގައި ޖައްވުގެ ތެރެއަށް އެތައް ކިލޯމީޓަރެއްގެ އުސްމިނަށް އަޅިއާއި ހިލަތައް ބޭރުވެ، ސަހަރުގެ މައްޗަށް ވެހެން ފެށިއެވެ. މި މަރުހަލާ ގާތްގަނޑަކަށް 18 އާއި 20 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ދެމިގެންދިޔައިރު، ގިނަ ބަޔަކު ސަހަރު ދޫކޮށް ފިލަން މަސައްކަތްކުރިއެވެ. ނަމަވެސް ގެދޮރާއި މުދާ ދޫކޮށްލަން ނުކެރުނު މީހުންނާއި، ފިލުން ލަސްކުރި މީހުންނަށް އެއީ އެންމެ ފަހުގެ ފުރުސަތު ކަމުގައި މެދުވެރިވިއެވެ.
. ސައިންޓިފިކް ޙަޤީޤަތް - ދެވަނަ މަރުހަލާ:
ކާރިސާގެ ދެވަނަ މަރުހަލާގައި ކުރިމަތިވީ އެންމެ ނުރައްކާތެރި "ޕައިރޯކްލާސްޓިކް ފްލޯ" ތަކެވެ. މިއީ އިންތިހާއަށް ހޫނުގަދަ ގޭހާއި އަޅީގެ ސޫނާމީއެއްފަދަ ރާޅެއް ގަޑިއަކު އެތައް ސަތޭކަ ކިލޯމީޓަރުގެ ބާރުމިނުގައި ފަރުބަދައިގެ ދޭތެރެއިން ތިރިއަށް ފައިބައިގެން އައި ރާޅެކެވެ. ސެލްސިއަސް އިން އެތައް ސަތޭކަ ޑިގްރީއަކަށް ހޫނުމިން އުފުލިގެންދިޔަ މި ރާޅުތަކުގެ ސަބަބުން، ސަހަރުގައި ބާކީ ތިބި އެންމެން ސިކުންތުކޮޅެއްގެ ތެރޭގައި ނޭވާހާސްވެ، އަނދައި އަޅިއަށްވެގެން ދިޔައެވެ.
. އާކިއޮލޮޖިކަލް ހެކިތައް:
އާކިއޮލޮޖިސްޓުންގެ ހޯދުންތަކުން އެނގޭ ގޮތުގައި، ޕޮމްޕެއީގެ އަޅީގެ ދަށުން ފެނުނު މީހުންގެ ހަށިގަނޑުތަކުގެ ގުދުރަތީ ސީލްތަކުން ރަމްޒުކޮށްދެނީ އެ މީހުންގެ އެންމެ ފަހު ވަގުތުކޮޅުގެ ބިރުވެރިކަމެވެ. އެ މީހުންގެ ސޫރަތަކުން ފެންނަނީ ސަލާމަތްވާން ދުވި ތަނާއި، ކުދިން ބައްދައިގެން ތިބި ތަނާއި، އަދި ނޭވާ ނުލެވިގެން ތެޅެމުންދިޔަ މަންޒަރުތަކެވެ. އެހެންކަމުން، މި 24 ގަޑިއިރަކީ އިންސާނީ ތާރީޚުގައި ހިނގާދިޔަ އެންމެ އަސަރުގަދަ އެއް ހާދިސާއެވެ.
. އިސްލާމީ ނަޒަރިއްޔާތު - އިބުރަތް:
އިސްލާމީ ނަޒަރިއްޔާތުން ބަލާއިރު، އިސްވެދިޔަ އުންމަތްތަކާއި ސަހަރުތަކަށް އައި ކާރިސާތަކަކީ އިންސާނުންނަށް ހުރި އިބުރަތްތަކެކެވެ. ކީރިތި ޤުރްއާނުގެ އެކި ސޫރަތްތަކުގައި (މިސާލަކަށް ސޫރަތުލް އަޢުރާފް އަދި ސޫރަތުލް ޢަންބިޔާ) ބަޔާންކުރައްވާފައިވަނީ އިލާހީ ޤާނޫނުތަކާއި ކާއިނާތީ ސުންނަތްތަކުގެ މަތިންނެވެ. ބިމުގައި ދަތުރުފަތުރުކޮށް، އިސްވެދިޔަ މީހުންގެ ނިމުން ދިޔަ ގޮތާމެދު ފިކުރުކުރުމަށް ("سِيرُوا فِي الْأَرْضِ") ޤުރްއާނުގައި އަމުރުކުރައްވާފައިވަނީ، އިންސާނާގެ ނިކަމެތިކަމާއި ކުޅަދުންވަންތަކަން ހަނދާންކޮށްދިނުމަށެވެ.
. އިސްލާމީ ދިރާސާ - ދުނިޔޭގެ މާއްދިއްޔަތު:
ޕޮމްޕޭއަކީ އެ ޒަމާނުގައި އިންތިހާއަށް މުއްސަނދި، އަރާމު އަދި އުފާފާގަތި ދިރިއުޅުމެއް އުޅުނު ސަހަރެކެވެ. ދުނިޔެ ލެއްވިހާ ފާހިޝް ކަންކަމަކާއި ހަރާމް އެތައް މުޑުދާރުކަމަކަށް ގެނބި ގަރަގުވެފައި ތިބީ ތަނަވަސްކަމާއި ފުދުންތެރިކަމުން ފެންވަރާ ހާލުގައެވެ. ނަމަވެސް ކުއްލިއަކަށް އައި މި ކާރިސާއިން އެނގިގެންދަނީ، އިންސާނާ އެއްކުރި މުދަލަކުން ނުވަތަ ބިނާކުރި ވަސީލަތްތަކަކުން، ގުދުރަތީ ކޯފާއަކުން ނުވަތަ ޤަޟާޤަދަރުން ސަލާމަތްނުވެވޭނެ ކަމެވެ. 24 ގަޑިއިރުގެ ސަމާލުކަމުގެ ފުރުސަތެއް ލިބުމުންވެސް، ދުނިޔޭގެ މުދަލަށް ދެވިހިފާފައިވުމުގެ ސަބަބުން ފިލައިގެންދާން ލަސްކުރި މީހުންނަށް އެ މުދާވީ ހަލާކުގެ ސަބަބަކަށެވެ.
. ނިންމުން:
ޚުލާޞާކޮށް ދަންނަވާނަމަ، ޕޮމްޕޭގެ ހާދިސާއަކީ ހަމައެކަނި އަލިފާންފަރުބަދައެއް ގޮވުމުގެ ޤުދުރަތީ ހާދިސާއެއް ނޫނެވެ. އެއީ ސައިންޓިފިކް ގޮތުން ވިސްނައިގަންނަންޖެހޭ ޖިއޯލޮޖިކަލް ކާރިސާއަކަށްވާއިރު، އަނެއްކޮޅުން އެއީ އިންސާނީ ޙަޟާރަތްތަކުގެ ނިކަމެތިކަމާއި އިލާހީ ކުޅަދުންވަންތަކަން ހަނދާންކޮށްދޭ ބޮޑު އިބުރަތެކެވެ. 24 ގަޑިއިރުގެ އެ ކާރިސާއިން ސައިންސްވެރިންނަށް ޖިއޮލޮޖީގެ މުހިންމު ސިއްރުތަކެއް ހާމަވެގެންދިޔައިރު، އިސްލާމީ ނަޒަރިއްޔާތުން އެއީ އިންސާނާގެ ޣާފިލުކަމުން ހޭލައި ﷲ ގެ މަގަށް ރުޖޫއަވެ، މަރުހަނދުމަކޮށްދޭ އަދި އިބުރަތް ލިބިގަންނަންޖެހޭ އަސަރުގަދަ ތާރީޚީ ހާދިސާއެކެވެ.
ހަވާލާ:
. ނެޝަނަލް ޖިއޯގްރަފިކް:"ޕޮމްޕެއީ: އައުޓް އޮފް ތައިމް".
. ސޫރަތުލް އަޢުރާފް (އާޔަތް 96-99) އަދި ސޫރަތުލް ޢަންބިޔާ (އިސްވެދިޔަ ރަށްތަކުގެ ހަލާކު).
. އެންސައިކްލޯޕީޑިއާ ބްރިޓެނިކާ: "މައުންޓް ވެސޫވިއަސް އަދި ޕޮމްޕެއީގެ ހަލާކު".
. ޖާނަލް އޮފް ވޮލްކަނޮލޮޖީ: "އޭ.ޑީ. 79 ގެ ވޮލްކެނިކް ޕައިރޯކްލާސްޓިކް ފްލޯތަކުގެ ސައިންޓިފިކް ދިރާސާ".
