ކުރިއަށް އޮތް ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ބޯކޮށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) އިލްތިމާސްކޮށްފިއެވެ.

ފާއިތުވި ދެ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަނީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އިއްޔެއާއި މިއަދު އެކި ރަށްރަށަށް އުދަ އަރާފައިވާއިރު، އެންމެ ބޮޑަށް އުދައިގެ އަސަރުކޮށްފައިވަނީ މާލެ ސަރަހައްދަށެވެ. މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

އާންމުކޮށް ޖޫން އަދި ޖުލައި މަހަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާ ދުވަސްވަރެއް ނަމަވެސް، މި އަހަރުގެ މި ދުވަސްވަރު ފެށިގެން ދިޔައީ އެލް ނީނޯގެ ސަބަބުން ދުނިޔެ އާދަޔާ ހިލާފަށް ހޫނުވުމުގެ އަސަރުތަކާ އެކުގައެވެ. ނަމަވެސް މިހާރު މޫސުން ބަދަލުވެ، ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ވަގުތުކޮޅަކާ ހަމައަށް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި އާދީއްތަ ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

"މިއަދަށްވުރެ މާދަމާގެ ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވޭ. ރާއްޖޭގެ އިރުމަތީ އަދި ހުޅަނގުބިތުގައި ބޮޑެތި ބާނިތައް އެބަހުރި. އެހެންވީމާ، މާދަމާ އުދަ އެރުމުގެ ފުރުސަތު ބޮޑުވާނެ،" މެޓް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ސެޓަލައިޓުން ލިބޭ އަޕްޑޭޓްތަކަށް ބަލާފައި އިތުރު ސަމާލު ނެރޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. މިއަދު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެތީ އާއި އުދައިގެ ނުރައްކާ އޮތުމުން، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.