އާންމު ފިހާރަތަކުން ހުއްދަ ނުނަގައި ބޭސް ވިއްކާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާ ގޮތަށް ރާއްޖެ ފުޑް އެންޑް ޑްރަގު އޮތޯރިޓީން އާ ގަވާއިދެއް އެކުލަވާލައިފި އެވެ. މި ގަވާއިދުގެ ދަށުން، އެ އޮތޯރިޓީގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ ބޭހެއް އާންމު ފިހާރަތަކުގައި ބެހެއްޓުމަކީ މަނާ ކަމެކެވެ.
ނިމިގެން ދިޔަ ހަފުތާގައި ގެޒެޓުކުރި ބޭހާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ޑޮކްޓަރުގެ ސިޓީއަކާ ނުލައި އާންމުކޮށް ގަންނަން ލިބޭ ޕެނަޑޯލް އަދި ހައިޑްރަލައިޓް ފަދަ ބޭސްތައް ވެސް ދެން ފިހާރަތަކުން ވިއްކޭނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. އެހެންކަމުން، ބޭހުގެ ގޮތުގައި ގިންތިކުރެވޭ އެއްވެސް އެއްޗެއް ހުއްދަ ނުނަގައި ފިހާރަތަކުގެ ހަރުގަނޑުތަކުގައި ބެހެއްޓުން މިހާރު ވަނީ މަނާކޮށްފަ އެވެ.
މި ގަވާއިދު ގެޒެޓުކުރި ނަމަވެސް، މިއަށް އަމަލުކުރަން ފަށާނީ ގެޒެޓުކުރި ތާރީހުން ފެށިގެން ނުވަދިހަ ދުވަސް ފަހުންނެވެ. އެހެންކަމުން، މިހާރު ބޭސް ވިއްކަމުންދާ ފިހާރަތަކަށް މި މުއްދަތު ހަމަވަންދެން ބޭސް ވިއްކުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް މުއްދަތު ހަމަވުމަށް ފަހު ހުއްދަ ނެތި ބޭސް ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެ އެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ދެވޭނެ އަދަބުތަކުގެ ތެރޭގައި، އެންމެ ފުރަތަމަ ނަސޭހަތް ދިނުން ހިމެނެ އެވެ. އޭގެ އިތުރުން، ކުށުގެ ކުޑަ ބޮޑު މިނަށް ބަލައި ދިހަ ހާސް ރުފިޔާއިން ފެށިގެން އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު އެ އޮތޯރިޓީއަށް ލިބިގެންވެ އެވެ. މިއީ ރައްޔިތުންނަށް ދޫކުރެވޭ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
