ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އިންޑިއާގެ ސިނަމާތައް ބަންދުކުރުމުން ފިލްމުތަކާއި ސީރީޒްތައް އޮންލައިން ޕްލެޓްފޯމްތަކުގައި ރިލީޒްކުރަން ފެށިއެވެ. ފުރަތަމަކޮޅު ބޮޑު ޚަރަދު ކޮށްގެން އުފައްދާ ބޮލީވުޑް އޭ ލިސްޓް ތަރިންގެ ފިލްމުތައް އޮންލައިންކޮށް ރިލީޒް ނުކުރި ނަމަވެސް މިހާރު މިވަނީ އެކަންވެސް ބަދަލުވެފައެވެ. އެގޮތުން މިމަހުވެސް ބޮލީވުޑްގެ އޭ ލިސްޓް ދެ ތަރިއެއްގެ ބޮޑު ދެ ފިލްމު ރިލީޒްކުރަން ވަނީ ނިންމާފައެވެ. އެއީ އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އާއި ސިދާތު މަލޯޓްރާގެ "ޝޭރްޝާހް" އެވެ.
* ޝޭރްޝާހް - 12 އޮގަސްޓް (އެމެޒަން ޕްރައިމް ވީޑިއޯ)
ސިދާތު ޑަބަލް ރޯލުން ފެނިގެންދާ މި ފިލްމަކީ އާރމީ ކެޕްޓަން ވިކްރަމް ބަޓްރާއަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ގެނެސްދޭ ބައޮގްރަފިކަލް ވޯރ ފިލްމެކެވެ. ސިދާތުގެ އިތުރުން ކިއާރާ އަދުވާނީ ލީޑް ރޯލުން ފެނިގެންދާ "ޝޭރްޝާހް"ގެ އިތުރު ތަރިންގެ ތެރޭގައި ޝިވް ޕަންޑިތު، ނިކިތިން ދީރް، ހިމާންޝޫ އޭ މަލޯޓްރާ، އަނިލް ޗަރަންޖީތު، ޕަވަން ޗޯޕްރާ އަދި އަންކިތާ ގޮރާޔާ ހިމެނެއެވެ.
ފިލްމު ޑައިރެކްޓްކުރީ ކުރިން ތަމަޅަ އަދި ތެލުގޫ ފިލްމުތަކެއް ގެނެސްދިން ވިޝްނޫވަރްދަންއެވެ. މިއީ އޭނާގެ އަލަތު ހިންދީ ފިލްމެވެ.
* ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ - 13 އޮގަސްޓް (ޑިސްނީ ޕްލަސް ހޮޓްސްޓާރ)
އަޖޭގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަކީ 1971 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ހިނގި ހަނގުރާމައިގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
އަޖޭގެ އިތުރުން ސޮނާކްޝީ ސިންހާ، ސަންޖޭ ދަތު، ނޯރާ ފަތޭހީ، އަމީ ވީރްކް، ޝަރަދު ކެލްކަރް، ޕްރަނިތާ ސުބާޝް އަދި އިހާނާ ދިއްލޮން މައިގަނޑު ރޯލުތައް ކުޅުނު މި ފިލްމުގައި އަޖޭ ކުޅުނީ އެ ހަނގުރާމަ ހިނގި ދުވަސްވަރު ބޫޖް އެއާޕޯޓްގެ އިންޗާޖް، އިންޑިއަން އެއާފޯރސް ސްކޮޑްރަން ލީޑަރ ވިޖޭ ކަރްނިކްގެ ރޯލެވެ.
ފިލްމު ޑައިރެކްޓްކުރީ ކުރިން ޓީވީ ސީރީޒްތަކެއް ގެނެސްދިން އަބީޝެކް ދުދައްޔާއެވެ. މިއީ އަބީޝެކްގެ ފުރަތަމަ ފިލްމެވެ.
