އުމުރުން ދުވަސްވަމުންދާ ވަރަކަށް ސިކުނޑީގެ ހިންގުމާއި ވިސްނުން ތޫނުކޮށް ބެހެއްޓުމަށްޓަކައި، ދެ ކެއުން ދޭތެރޭ ހޭދަވާ މުއްދަތު ކުރުކުރުމަކީ އެދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. އެމެރިކަން ސޮސައިޓީ ފޯ ނިއުޓްރިޝަންއިން ނެރުނު މި ދިރާސާގައިވާ ގޮތުން، ދުވާލެއްގެ މައްޗަށް ކެއުންތައް ބަހާލެވިފައިވާ މުއްދަތު ވަކި ގަޑިއިރުތަކަކަށް ކުރުކުރުމަކީ ހަމައެކަނި ބަރުދަން ލުއިވުމުގެ އިތުރުން ސިކުނޑީގެ ސިއްހަތަށްވެސް ބޮޑެތި ފައިދާތަކެއް ކޮށްދޭ ކަމެކެވެ.

ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ދިރާސާގައި ބައިވެރިކޮށްފައިވަނީ އުމުރުން ދުވަސްވީ އަންހެނުންނެވެ. މި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، ދެ ކެއުން ދޭތެރޭ ހޭދަވާ މުއްދަތު 8 ނުވަތަ 9 ގަޑިއިރަށް މަދުކުރި އަންހެނުން ވަނީ، ދެ ކެއުން ދޭތެރޭ 12 ގަޑިއިރަށްވުރެ ގިނައިރު ހޭދަކުރި މީހުންނަށްވުރެ ކަންކަން ރޭވުމާއި މައްސަލަތައް ހައްލުކުރުމުގެ އިމްތިހާނުތަކުން މާ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ.

މި ދިރާސާގައި ފާހަގަކުރެވުނު އެންމެ ޝައުގުވެރި އެއް ކަމަކީ، ދެ ގްރޫޕުގެ މީހުންގެ ބަރުދަނުންވެސް ލުއިވީ އެއްވަރަކަށް ކަމެވެ. މިއިން ދޭހަކޮށްދެނީ، ސިކުނޑީގެ ހިންގުން ހަރުދަނާވުމަކީ ހަމައެކަނި ބަރުދަން ލުއިވުމާ ގުޅިފައިވާ ކަމެއް ނޫންކަމެވެ. އޭގެ ބަދަލުގައި، ކާނީ ކިހާ މިންވަރަކަށްތޯ ބެލުމުގެ އިތުރުން ދެ ކެއުން ދެމެދުގައި ހޭދަވާ މުޅި މުއްދަތު ކުރުކުރުމަކީވެސް ސިކުނޑީގެ ދުޅަހެޔޮކަމަށް ވަކިން ޚާއްޞަ އަސަރުތަކެއް ކުރާ ކަމެއްކަން މިއިން ސާފުވެގެންދެއެވެ.

އުމުރުން ދުވަސްވުމުން ކުރިމަތިވާ ވިސްނުން ކޮށިވުމާއި ހަނދާން ނެތޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މިއީ ކުރެވިދާނެ ވަރަށް ފަސޭހަ ކަމެކެވެ. ކެއުމުގެ މުއްދަތަށް މިންގަނޑެއް ކަނޑައެޅުމަކީ، އުމުރުން ދުވަސްވާ އިރުވެސް ސިކުނޑީގެ ވިސްނުމާއި ސިކުނޑީގެ އާންމު ދުޅަހެޔޮކަން ތޫނުކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދޭނެ ތަފާތު އަދި އުއްމީދީ އުސޫލެކެވެ. މިގޮތަށް ކެއުން 8 ގަޑި އިރަށް ކުރުކުރާއިރު ކެއުމުގެ މިންވަރަށް ވިސްނާލުމަކީ މުހިއްމު ކަމެކެވެ. އެހެނީ މާ ގިނައިން ނުކެއުމާއި ކާ މިންވަރު މަދުކުރުމަކީ މިކަމުގެ ފައިދާ އެއްމެ އެދެވޭ ގޮތުގައި ކުރާނެ ގޮތެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.