އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔެލީގެ ފަސްވަނަ ފިހާރަ ކަމަށްވާ "ޔެލީ ސުޕަމާޓް" ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ. މި އާ ސުޕަމާޓު ރަސްމީކޮށް ހުޅުވައިދެއްވީ ޔެލީގެ އޯނަރުންގެ ބައްޕަ މުހައްމަދު ސަލީމެވެ.

މީގެ ސަތާރަ އަހަރު ކުރިން، 2007 ވަނަ އަހަރު މާލޭގައި ފެށި މި ވިޔަފާރި މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. މި އާ ސުޕަމާޓުގެ ކުރިންވެސް ހުޅުމާލެ ފޭސް 2 ގައި ޔެލީގެ ތިން ފިހާރައެއް ވަނީ ހުޅުވާފައެވެ. އެއީ "ޔެލީ" އާއި "ޔެލީ މާޓް" ގެ އިތުރުން "ޔެލީ މާޓް 3" އެވެ. އަލަށް ހުޅުވި ފިހާރައަކީ ފުޅާ ދާއިރާއެއްގައި ގިނަ ބާވަތްތަކުގެ މުދާ ލިބެން ހުންނާނެ ސުޕަމާޓެކެވެ.

މި ވިޔަފާރި ފެށިގެން މިއަދާ ހަމައަށް އައިއިރު، ޔެލީން ފޯރުކޮށްދެމުން ދިޔަ ހިދުމަތްތައް އިތުރަށް ފުޅާކުރެވިގެން ދާއިރު، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ބާޒާރުގައި އެންމެ ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކަސްޓަމަރުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

އެގޮތުން، އަލަށް ހުޅުވި މި ސުޕަމާޓުން އާންމުކޮށް ގޭތެރެއަށް ބޭނުންވާ ގްރޯސަރީގެ ބާވަތްތަކާއި ކޮސްމެޓިކްސްގެ ބާވަތްތައް ބާޒާރުގައި އެންމެ ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހައެއް ގެނެސްދިނުމުގެ ގޮތުން ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް މި ފިހާރައިން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ޔެލީން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުން ބޭނުންވާ ހުރިހާއެއްޗެއްވެސް އެއްތަނަކުން އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުން،" އެ ކުންފުނިން ބުންޏެވެ.

މާލޭގެ ކުޑަ ފިހާރައަކުން ފެށި މި ވިޔަފާރި މިއަދު ފުޅާވެ، އެތައް ބަޔަކަށް ހިދުމަތް ދެމުން އަންނައިރު، މިކަމުގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ޔެލީގެ ފިހާރަތަކުން ވިޔަފާރި ކުރާ ކަސްޓަމަރުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބާއެކު، ކުރިއަށް އޮތް ތަނުގައި ވެސް ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.