މިނިވަން ދުވަހާ ގުޅިގެން ކ. ތުލުސްދޫގައި ކުރިއަށް ގެންދިޔަ "ނެކްސަސް އިންޑިޕެންޑެންސް ޑޭ ކަޕް 2026" ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ކަމަނަ ހޯދައިފިއެވެ.
މި މުބާރާތުގެ ތަށި އެ ޓީމުން އުފުލާލީ ފައިނަލް މެޗުގައި ބްލެކް އީގަލްސް ޖޫނިއަސްއާ ވާދަކޮށް ކުރި ހޯދައިގެންނެވެ.
ތިން ދުވަހުގެ މުއްދަތަށް އެ ރަށުގައި ކުރިއަށް ގެންދިޔަ މި ފޯރިގަދަ މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވަނީ ވާދަކޮށްފައެވެ. އެއީ ޗެމްޕިއަންކަން ހޯދި ކަމަނަ ޓީމުގެ އިތުރުން، ބްލެކް އީގަލް ސްޕައިކާސް، ފްލޯރާ އަދި ބްލެކް އީގަލް ޖޫނިއަސް އެވެ. ފައިނަލްގައި ކުޅުނު ބްލެކް އީގަލް ޖޫނިއަސް އަކީ އަށާރަ އަހަރުން ދަށުގެ ކުޅުންތެރިން ހިމެނޭ ޓީމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވިފައިވަނީ ޓީމް ފްލޯރާއެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ޗެމްޕިއަން ޓީމް ކަމަނަގެ ތައުހީދާ ރަޝީދުއެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކަމަނަ ޓީމުގެ ތައުހީދާ އާއި ފާތިމަތު އަނޫޒާ އާއި ފާތުމަތު ނަދާގެ އިތުރުން، ބްލެކް އީގަލްސް ޖޫނިއަސްގެ އައިޝަތު ޝިޔާ ހަޒުރަތު އާއި ފާތުމަތު ލުޔޫނާ މުހައްމަދު އަދި ޝަފާނާ ރިއްފަތު އެވެ.

ތުލުސްދޫ "ދަ ނެކްސަސް ހަބް" ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތާ ގުޅޭގޮތުން އެ ކުލަބުގެ ފައުންޑާ ނާސިހު މޫސާ ބުންޏެވެ. އޭނާ ބުނި ގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރަށް ލޯބި ޖެއްސުމާއި، ކުޅިވަރުގެ ރޫހު އާލާކުރުމުގެ އިތުރުން ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުން ބަދަހިކުރުމެވެ.

މުބާރާތް އިންތިޒާމުކުރި ފަރާތުން މައުލޫމާތު ދޭ ގޮތުގައި މިއީ އަދި ހަމައެކަނި ފެށުމެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރަށުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މިފަދަ އިތުރު ހަރަކާތްތައް ބޭއްވުމަށް ވަނީ ރާވާފައެވެ.
