މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ނުވަތަ މީސްލްސް ޖެހުނު މީހުންގެ އަދަދު 186 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 22 ކޭސް ވަނީ ފެނިފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، މި އަހަރުގެ މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން، ވެކްސިން ދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން، ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ހިމަބިހި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކަށް ރާއްޖެ ވެފައިވާއިރު، މި ބައްޔަށް ފަރުވާދެމުންދިޔަ ދިވެހި ޒުވާނަކުވެސް މި މަހުގެ 13 ވަނަ ދުވަހު ވަނީ މަރުވެފައެވެ. ހިމަބިހި ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމުންނެވެ. ސިއްހީ މާހިރުން ވަނީ ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިރުޝާދު ދީފައެވެ.
