އިރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެއެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ މައިގަނޑު މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު ފީފާއަކަށް 92 ޑޮލަރަށް ވުރެ މައްޗަށް ވަނީ އުފުލިފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިއުޓީއައި) ކުރޫޑްގެ އަގު ވެސް ވަނީ ފީފާއަކަށް 85 ޑޮލަރަށް ވުރެ މައްޗަށް ޖެހިލާފައެވެ. ދެގައުމުގެ މެދުގައި ދެވުނު ވަރުގަދަ ހަމަލާތަކަށް ފަހު ތެލުގެ ބާޒާރަށް އައި ބޮޑު ލޮޅުމެކެވެ.
މެދުއިރުމަތިން ތެޔޮ އެކްސްޕޯޓްކުރާ މައިގަނޑު މަގުތަކަށް ބުރޫއަރައި، ސަޕްލައިއަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި މައްސަލަ އެންމެ ބޮޑަށް ގޯސްވެފައިވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 ޕަސަންޓު ހިއްސާކުރާ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ތެޔޮ އުފުލުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.
އިރާނުން އެ ސަރަހައްދުގެ ކަނޑުގެ މަގުތައް ބަންދުކުރުމާއި، ސައުދީ އަރަބިއްޔާގެ ތެޔޮ އުފުލާ ބޯޓުތަކަށް އަމާޒުކޮށް ދެވޭ ހަމަލާތަކުގެ ސަބަބުން އިންޓަނޭޝަނަލް ކަނޑުގެ ދަތުރުފަތުރަށް ވަނީ ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައެވެ.
އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި މި ހަނގުރާމަ ދިގުލައިގެން ގޮސްފި ނަމަ، ދުނިޔޭގެ ގައުމުތަކުގެ އިންފްލޭޝަން މަތިވެ، އިގްތިސާދީ ހީނަރުކަމަކާ ކުރިމަތިލާން ޖެހިދާނެއެވެ. ހާއްސަކޮށް ތެޔޮ އެތެރެކުރާ ގައުމުތަކުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް މަތިވެގެންދާނެއެވެ.
