ދިވެހި ގައުމިއްޔަތުގެ އިސްވަރުން އިންތިޒާމުކޮށްގެން ބާއްވާ ސިލްސިލާ ސިންތާތަކުގެ ތެރެއިން "އަހުލިހަ" ނަކަތުގެ ސިންތާގައި، ރާއްޖޭގެ މިނިވަންކަމާއި ދިފާއީ ނިޒާމުގެ ތާރީހާ ބެހޭ ހާއްސަ ދިރާސާއެއް ހުށަހަޅައިފިއެވެ.

ޖުލައި 29 ވަނަ ދުވަހުގެ ހަވީރު ކުރިއަށްގެންދިޔަ މި ސިންތާގައި މައުލޫމާތު ދެއްވީ އެމްއެންޑީއެފްގެ ކޮމާންޑް ސާޖަންޓް މޭޖަރ އަބްދުﷲ ސައީދެވެ. މި ސިންތާގައި އަލިއަޅުވާލާފައިވަނީ "ދިވެހިރާއްޖޭގެ މިނިވަންކަމުގެ ތާރީހުގެ ދިރާސާ" ގެ މައްޗަށެވެ.

މި ސިންތާގައި ގައުމެއް އުފެދި ދިފާއީ ބާރެއް އުފަންވާ ގޮތުގެ ފަލްސަފާއާއި، ރާއްޖޭގެ މިނިވަންކަމުގެ ދިފާއީ ނިޒާމާ ބެހޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ދިވެހީންގެ މިނިވަންކަން ގެއްލުވާލި ބައެއް ބާރުތަކުގެ މައުލޫމާތާއި، ކަޅުއޮށްފުންމީގެ ނަމާއި ބޮޑުތަކުރުފާނުގެ ބަޑިކޮޅާ ބެހޭ ގޮތުން ކުރައްވާފައިވާ ދިރާސާތަކުގެ މައުލޫމާތު ވެސް ހިއްސާކުރެއްވިއެވެ.

މި ސިންތާ ތައާރަފުކޮށްދެއްވީ ދިވެހި ގައުމިއްޔަތުގެ އިސްވަރު އަލްއުސްތާޒު ޝާކިރުއެވެ. ސިންތާ ނިންމާލުމުގެ ކުރިން ސިންތާގެ ބައިވެރިން ކުރި ސުވާލުތަކަށް ކޮމާންޑް ސާޖަންޓް މޭޖަރ އަބްދުﷲ ސައީދު ވަނީ ޖަވާބު ދެއްވާފައެވެ.

މި ސިންތާގައި މިނިސްޓަރު ހީނާ ވަލީދުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި، ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ސުކޫލް ދަރިވަރުން ބައިވެރިވިއެވެ.