އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން "އޮޕަރޭޝަން ކުރަނގި" އަކީ ސަރުކާރުން އިސްކަންދީގެން ހިންގާ މުހިންމު މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ އިންޓަނޭޝަނަލް ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ސައްހަނޫން ވަރކް ޕާމިޓްތަކުގެ މައްސަލަ ހައްލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް "އޮޕަރޭޝަން ކުރަނގި" ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކުލަވައިލި ފުރަތަމަ ގައުމީ އެކްޝަން ޕްލޭނާއި، އެކަމާ ގުޅޭ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ ބޮޑެތި އިސްލާހުތަކެއް ގެންނަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2026 އިން 2029 އަށް އެކުލަވައިލާ ސްޓްރެޓީޖިކް ޕްލޭނަކީ އަނިޔާލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށް ލިބުނު ސާފު މަގުޗާޓެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ ޝިއާރު ކަމަށްވާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުށްކުރާ ވިއުގަތަކުން ފަންނިއްޔާތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މިންވަރަށް ބަލާއިރު، ނާޒުކު ހާލަތްތަކުގައި ތިބޭ އެތައް ބަޔަކު ބޮޑެތި ސްކޭމް އޮޕަރޭޝަންތަކުގެ މަޅީގައި ޖެހި، މަޖުބޫރުން ކުށްތަކަށް އަރައިގަންނަން ޖެހޭ ހާލަތަށް ދާ ކަމަށެވެ.
އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރ" އާއި "މައިގްރެންޓް ކަނެކްޓް ޕޯޓަލް" ގާއިމުކޮށްފައިވާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މި އިސްލާހުތަކުގެ ބޭނުމަކީ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، އިންސާނީ ކަރާމާތަކީ އެއްވެސް އުނިކަމެއް އަތުވެގެންވާނެ އެއްޗެއް ނޫންކަން ކަށަވަރުކޮށް، ގައުމުގެ ތަރައްގީއާއެކު އަދުލުއިންސާފު ގާއިމުވެ، ކޮންމެ މީހަކަށްމެ އިހުތިރާމާއެކު މުއާމަލާތްކުރެވޭނެ ފަދަ ރާއްޖެއެއް ބިނާކުރުމަށް އަޒުމް އާކުރުމަށް ގޮވާލައްވާފައެވެ.
