ޝަންގްރިއްލާ ރިސޯޓު ބަންދުކުރަން ނިންމައިފިއެވެ.

އައްޑޫ ސިޓީގައި ހިންގަމުން އަންނަ މި ރިސޯޓު ބަންދުކުރާކަން ހާމަކޮށް އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރ އެ ރިސޯޓުގެ ސްޓާފުންނަށް ފޮނުވި ލިޔުމެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ކުރި ނޭދެވޭ އަސަރުތަކުގެ ސަބަބުން ބަންދުކޮށްފައިވާ ރިސޯޓު އަލުން ހުޅެވޭނެ މުއްދަތެއް ނޭނގޭ ކަމަށެވެ.

އެ ރިސޯޓު އަލުން ހުޅުވުމާ ގުޅޭގޮތުން ތަފާތު އެކި އޮޕްޝަންތަކަށް ބެލި ކަމަށާއި ނަމަވެސް ކުންފުނީގެ ވިޔަފާރިއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ރިސޯޓު ބަންދުކުރުމަށް ނިންމާފައިވާކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

ރިސޯޓުގައި ބޭތިއްބުމަށް ނިންމާފައިވަނި ރިސޯޓުގެ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަރަށް ކަމަށާއި ރިސޯޓުގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން މިކަމުގައި މުވައްޒަފުންނާއި އިތުރަށް ވާހަކަދައްކާނެ ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

އައްޑޫސިޓީގައި ހިންގަމުން އަންނަ ކެނަރީފް ރިސޯޓުވެސް ވަނީ ކޮވިޑާއި ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު ދެ އަހަރު ދުވަހަށް ބަންދުކުރަން ނިންމާފައެވެ. މި ދެ ރިސޯޓުގައިވެސް އެސިޓީގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރެއެވެ.

ޝަންގްރިއްލާ ރިސޯޓު ބަންދުކުރީ މިދިޔަ އޭޕްރީލް މަހުން ފެށިގެންނެވެ.

ރިސޯޓުތައް ބަންދުކުރުމުން މުވައްޒަފުންގެ ވަޒީފާތައް ގެއްލިފައިވާއިރު، މިފަދަ ހާލަތުގައި ތިބޭ މުވައްޒަފުންނަށް ސަރުކާރުން އަންނަނީ 5،000 ރުފިޔާގެ އެލަވެންސް ދެމުންނެވެ.