ދަރިއަކު ނުލިބި އަށް އަހަރު ފަހުން އިންޑިއާގެ އަންހެނަކަށް އެއްމާބަނޑު ހަތަރު ކުދިން ލިބިއްޖެއެވެ.

އުމުރުން 32 އަހަރުގެ އެ އަންހެން މީހާއަށް އެއްމާބަނޑު ހަތަރު ކުދިން ލިބިފައިވަނީ ދަރިން ނުލިބިގެން އުޅޭތާ އަށް އަހަރުފަހުން "އިން ވިޓްރޯ ފާޓިލައިޒޭޝަން" (އައި.ވީ.އެފް) ހަދައިގެން ކަމަށް ދިއްލީގެ ހޮސްޕިޓަލަކާއި ހަވާލާދީ މީޑިއާރިޕޯޓުތައް ބުނެއެވެ.

ދިއްލީގައި ހުންނަ ސީޑްސް އޮފް އިނޮސެންސް ހޮސްޕިޓަލުން ބުނީ އެ އަންހެން މީހާ ވިހާފައިވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

އަންހެން މީހާ ވިހާފައިވަނީ ތިން ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖެކެވެ. އެކުދިންގެ ހާލު ރަނގަޅު ކަމަށް ވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައި ވެއެވެ.

އައިވީއެފް ހެދުމުގެ ކުރިން އެމީހުން ދަރިއަކު ހޯދަން ވެގެން އެސިސްޓެޑް ރެޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އޭ.އާރު.ޓީ) ފަދަ ކަންކަން ކުރުމަށް ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެކަންކަން ކާމިޔާބު ނުވުމުން އެދެމަފިރިން ވަނީ އައި.ވީ.އެފް ހަދާފައެވެ.

އެ އަންހެން މީހާ ވިއްސުމުގައި ހަރަކާތްތެރިވި ޑޮކްޓަރަކު ބުނީ، އަންހެން މީހާ މާބަނޑުކަން އެނގުނު ހިސާބުން ވިހެއުމާއި ހަމައަށް ވަރަށް ގިނަ ގޮންޖެހުންތައް ދިމާވި ކަމަށެވެ. އޭގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ވެސް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ކަމަކުން މާބޮޑެތި ގެއްލުންތަކެއް ނުވާ ކަމަށް ޑޮކްޓަރަރާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.