ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ. މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ.
މި ހާދިސާގައި ހިމެނެނީ އަށް ބިދޭސީންނާއި ދެ ދިވެހިންނެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ކަނޑުމަތިން ސަލާމަތްކޮށްފައެވެ. ނަމަވެސް، އެ އުޅަނދުން ދަތުރުކުރި ދެ ބިދޭސީއަކު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުންޏެވެ.
ސަލާމަތްކުރެވުނު މީހުން މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ ގާފަރަށް ގެންގޮސްފައެވެ. ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް ވިދާޅުވީ، އެ ރަށަށް ގެންދެވުނު އަށް މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި، އެ މީހުން މިހާރު ތިބީ އެ ރަށުގެ ގެސްޓްހައުސްއެއްގައި ކަމަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ކަނޑުމަތީގެ އެކި ހާދިސާތައް ދަނީ ހިނގަމުންނެވެ. މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
