ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް، އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ ޗެއާމަންކަމަށް އައްޔަންކޮށްފިއެވެ. މިއީ މި މަގާމަށް ދިވެހިއަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
އޭބީއޭގެ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް ޝަރީފް މަގާމާ ހަވާލުވެވަޑައިގަންނަވާނީ 31 ޖުލައި 2026 ގައެވެ. މީގެ ކުރިންވެސް ޝަރީފް ވަނީ އެ އެސޯސިއޭޝަންގެ ލީޑަރޝިޕުގައި ހިދުމަތް ކުރައްވާފައެވެ. އެގޮތުން 2018 އިން 2020 އަށް އޭބީއޭގެ ވައިސް ޗެއާމަންކަން ކުރައްވާފައިވާއިރު، 2025 ވަނަ އަހަރު އަލުން އެ މަގާމަށް ވަނީ އައްޔަން ކުރައްވާފައެވެ.
މި މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން ޝަރީފް ވިދާޅުވީ އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ބޯޑާއި މެންބަރު ބޭންކުތަކުން ކުރެއްވި އިތުބާރަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ. އަދި އޭނާގެ އުއްމީދަކީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިން ސިނާއަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި ބޯޑާއި މެންބަރު މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށް ބުންޏެވެ.
ޝަރީފް އޭބީއޭގެ ޗެއާމަންކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، އެ އެސޯސިއޭޝަންގެ ސެކްރެޓަރީ-ޓްރެޝަރާ ޑރ. ޑަރސަން ޗިއު ވަނީ ޝަރީފް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި މެންބަރު ބޭންކުތަކާއި ސަރަހައްދީ ބޭންކިން ދާއިރާގެ ތަރައްގީއަށް އޭބީއޭއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސެކްރެޓޭރިއަޓުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދިނެވެ.
ބީއެމްއެލްއިން ބުނީ، އޭބީއޭއިން ޝަރީފް މި މަގާމަށް އައްޔަން ކުރުމަކީ ބީއެމްއެލްއަށާއި ރާއްޖެއަށްވެސް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ބޭންކިން ލީޑަރޝިޕުގައި ރާއްޖެ ތަމްސީލުކުރުން އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެ ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.
1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކަރސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތައް ތަމްސީލުކުރާ އެންމެ އިސް ސަރަހައްދީ ޖަމިއްޔާއެވެ. މިއަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެމްބަރު 1 އިން 3 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ބީއެމްއެލްގެ ފަރާތުންނެވެ.
