ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ނެޓްވޯކް "ފަވަރަ" އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) ރަސްމީކޮށް ގުޅާލައި، ދެ ގައުމުގެ މެދުގައި ސީދާ ފައިސާ ފޮނުވޭނެ ނިޒާމެއް ގާއިމުކޮށްފިއެވެ. މިއީ ފަވަރަ ޕްލެޓްފޯމް އިންޓަނޭޝަނަލް ޕޭމަންޓް ނެޓްވޯކަކާ ގުޅާލި ފުރަތަމަ ފަހަރެވެ.
އެމްއެމްއޭ އިން ބުނީ، މިއީ ދެ ގައުމުގެ މެދުގައި ޑިޖިޓަލް މާލީ މުއާމަލާތްތައް ކުރިއަރުވައި ފަސޭހަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަލަށް ފެށި މި ހިދުމަތުގެ ދަށުން ރާއްޖޭގައި ތިބޭ މީހުންނަށް އިންޑިއާގެ ބޭންކް އެކައުންޓްތަކަށް ސީދާ ވަގުތުން ފައިސާ ފޮނުވޭނެއެވެ. މިގޮތުން ދިވެހި ރުފިޔާ ނުވަތަ ޔޫއެސް ޑޮލަރުން ފައިސާ ފޮނުވުމުން، އިންޑިއާގައި ފައިސާ ލިބޭ ފަރާތަށް ލިބޭނީ އިންޑިއަން ރުޕީސްއިންނެވެ.
ފުރަތަމަ މަރުހަލާގައި މި ހިދުމަތް ދެވޭނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ ޓްރާންސްފާތަކަށެވެ. މި ހިދުމަތް މިވަގުތު ދެނީ ބީއެމްއެލް އާއި އެމްއައިބީ މެދުވެރިކޮށެވެ. ފައިސާ ފޮނުވޭނީ އާއިލީ ހަރަދާއި، ބޭސްފަރުވާ އަދި ތައުލީމީ ހަރަދުތަކަށް އެކަންޏެވެ. މަހަކު ފޮނުވޭނެ އެންމެ މަތީ މިންވަރަކީ 24,000 އިންޑިއަން ރުޕީސް އެވެ.
މި ނިޒާމުގެ ތެރެއިން ފައިސާ ފޮނުވާއިރު، ފައިސާ ބަލައިގަންނަ ފަރާތުގެ ބޭންކް މައުލޫމާތު ޔޫޕީއައި ނިޒާމުން ކަށަވަރު ކުރާނެއެވެ. އަދި ފައިސާ ފޮނުވާ ފަރާތަށް އެ ވަގުތުގެ އެކްސްޗޭންޖް ރޭޓާއި، ބޭންކުން ނަގާ ފީ އަދި ފައިސާ ލިބޭ ފަރާތުގެ ނަން ސާފުކޮށް ފެންނަން ހުންނާނެއެވެ.
އެމްއެމްއޭއިން ބުނީ، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވިޔަފާރިތަކަށް ފައިސާ ފޮނުވޭ ނިޒާމާއި، ކިއުއާރް ކޯޑް މެދުވެރިކޮށް ފައިސާ ދެއްކޭނެ ހިދުމަތްތައް ތައާރަފުކުރުމަށް ރޭވިފައިވާ ކަމަށެވެ. މީގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބުންޏެވެ.
