ރާއްޖޭގެ ސަރަހައްދުގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ގިނަ ހާދިސާތަކެއް މިއަދު ވަނީ ހިނގައިފައެވެ. މިއަދު ހެނދުނުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވެ، ބައެއް އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މިއަދު ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއަކީ ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިން ކްރާފްޓެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލައި އަޑިއަށް ދިޔަ ހާދިސާއެވެ. މި އުޅަނދުގައި ދަތުރުކުރި 10 މީހުންގެ ތެރެއިން 8 މީހަކު ސަލާމަތްކުރެވިފައިވާއިރު، ބާކީ ތިބި ދެ ބިދޭސީން ވަނީ ކަނޑަށް ގެއްލިފައެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ކ. މާފުށީ ބޭރުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް އަޅާފައި އޮތް ސަފާރީއެއް، އައި ބާރު ކޮޅިގަނޑެއްގައި ނަގިލި ކަހާލައިގެން ގޮސް އެ ރަށުގެ ފަރުމައްޗަށް ލައްވެ، އެއްކޮށް ވަނީ ފުނޑުފުނޑުވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އުޅަނދަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުވެސް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ވެސް، ކ. ހިންމަފުށި ބޭރުން ދަގަނޑު ބާޖެއް އޮޔާދާތީ ސަމާލުވާން ވަނީ އެދިފައެވެ. އެމްއެންޑީއެފުން ބުނީ ހިންމަފުށީގެ ހުޅަނގުން 3.50 ނޯޓިކަލް މޭލު ބޭރުން ދަގަނޑު ބާޖެއް އޮޔާދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި ކަމަށެވެ. އަދި މި ބާޖު އޮޔާދަނީ ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
