ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަނިކޮށް ކ. ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ލޭންޑިން ކްރާފްޓުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
ޖުމްލަ 10 މީހުންނާއެކު ދަތުރުކުރި މި އުޅަނދު އަޑިއަށް ދިޔައިރު، އޭގައި ތިބީ ދެ ދިވެހިންނާއި އަށް ބިދޭސީންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ އޭގެ ތެރެއިން ދެ ބިދޭސީންނެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 08:48 އެހައިކަންހާއިރުއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކަނޑާއި ވައިގެ މަގުން ގެއްލުނު ދެ މީހުން ހޯދުމުގެ އޮޕަރޭޝަން ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަމުންނެވެ. އަދި ލޭންޑިން ކްރާފްޓް އަޑިއަށް ދިޔަ ސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތް މޫސުން ތަންދިން އެންމެ ބޮޑަކަށް ކުރަމުންދާއިރު، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ހާދިސާއިން ސަލާމަތްވި އަށް މީހުން މިހާރު ތިބީ ގާފަރުގެ ގެސްޓު ހައުސްއެއްގައި ކައުންސިލުގެ ބެލުމުގެ ދަށުގައެވެ.
ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާއިރު، ސަލާމަތްވި މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ގާފަރު ކައުންސިލުން މައުލޫމާތުދެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތީ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ދަނީ އިރުޝާދު ދެމުންނެވެ.
