ގައުމުގެ ކަންކަން ނިންމުމުގައި ލަފާއަރުވާ މަޖިލިސްތަކުގެ ތެރެއިން، ޒުވާނުންގެ މަޖިލިސް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އުފައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ނޭޝަން ޗެޓް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަސައްކަތް ކަމަށެވެ. އެގޮތުން ޒުވާނުންނަށް ހާއްސަކޮށްގެން ގައުމީ ފެންވަރުގައި ތަފާތު މަޝްރޫއުތަކެއް ތަންފީޒު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ވަތަނީ ހިދުމަތާއި، އިލްމީ ރާސްތާގެ އިތުރުން މަސައްކަތާއި ވޮކޭޝަނަލް ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. ރައީސް ވިދާޅުވީ މި މަޝްރޫއުތަކުގެ ކާމިޔާބީ މިހާރުވެސް ފެންނަމުންދާ ކަމަށެވެ.

މީގެއިތުރުން، ޒުވާނުންނާއި އަންހެނުން ގާނޫނީ އިމުގެ ތެރެއިން ބާރުވެރިކުރުވައި، އެފަރާތްތަކުގެ މުސްތަގުބަލު ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ލަފާއަރުވާ މަޖިލިސްތަކާއި ޒުވާނުންގެ މަޖިލިސް އެކުލަވާލެވުމުން، ގައުމީ ނިންމުންތަކުގައި ޒުވާނުންގެ ހިއްސާ ބޮޑުވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ގައުމަށް ކިތަންމެ ބޮޑު މާއްދީ އަދި އުމުރާނީ ތަރައްގީއެއް އައިކަމުގައި ވިޔަސް، ދިވެހިންގެ ތެރޭގައި އޮތް ރީތި އަހުލާގާއި އިހުތިރާމްކުރުމުގެ އަސްލަށް ރުޖޫއަ ނުވެވޭނަމަ ހަގީގީ މިނިވަންކަމެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން، ރީތި އަދަބު އަހުލާގު އަލުން އާލާކުރުމަށް ގައުމީ ފެންވަރުގެ ކެމްޕޭނެއް ސަރުކާރުން ކުރިއަށްގެންދަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.