ހުން އައުމަކީ ވަރަށްގިނައިން އިންސާނުންނަށް ދިމައިވާ ކަމެކެވެ. ނުވަތަ ޖެހޭ ބައްޔެކެވެ. ހުން އައިސް މީހާގެ ހޫނުމިން މަތިވެފައިވާނަމަ، އެ ހުން މައިތިރި ކުރުމަށް އަޅުގަނޑުމެންނަށް ވަރަށްގިނަ ކަންތައް ކުރެވެއެވެ.
ތެތްފޮތި ލުމަކީ ވަރަށް އާދަވެ ކުރެވޭ ކަމެކެވެ. ނަމަވެސް ތެތްފޮތި ލުމުގައި ސަމާލުވާންވީ ކަންތަކާއި ތެތްފޮތި ލުމުގައި އިސްކަންދޭންވީ ބައެއްކަންކަން އަޅުގަނޑުމެން ހަނދާން އައުކޮށްލުން ވަރަށްވެސް މުހިންމެވެ.
ތެތްފޮތި ލާއިރު، ތެތްފޮތި ބާއްވަންވީ ތަންތަން ވަރަށްވެސް މުހިންމެވެ. އެގޮތުން ސިއްހީ މާހިރުން ލަފާދެއްވާގޮތުން، ނިއްކުރިއާއި، ކިހިލިފަތްދޮށާއި އުކުޅުވަޅަކީ ތެތްފޮތި ލާން އެންމެ ރަނގަޅު ތަންތަނެވެ. އެހެންކަމުން ތެތްފޮތިލާއިރު، އެފަދަ ހިސާބުތަކަށް ސަމާލުކަން ދިނުން ވަރަށްވެސް މުހިންމެވެ.
އާންމުކޮށް ތެތްފޮތި ލެވޭ އިރު، އާދައިގެ ފެން ނުވަތަ ހިސާބަކަށް ފިނިކަން ހުރި ފެން ލެވޭ މަންޒަރު ފެނެއެވެ. މިއީވެސް ޒަމާނެއްގައި ސިއްހީ މާހިރުން ދިން އިރުޝާދެކެވެ. ނަމަވެސް މިއަދުގެ ގިނަ ސިއްހީ މާހިރުން ވިދާޅުވަނީ، ތެތްފޮތި ލާއިރު، ކުޑަކޮށް ތާފަނާ ފެން ބޭނުންކުރުން ވަރަށްވެސް މުހިންމެވެ. ތާފަނާ ފެނުން ތެތްފޮތި ލުމުން ހުން މައިތިރިވުން އަވަސްވެއެވެ. މިކަމުގެ ސިއްރަކީ ކޮބައިކަން ސިއްހީމާހިރުން ހާމަކުރެއެވެ.
ފިންޏަކީ އޭގެ ސަބަބުން ހަށިގަނޑުގެ ލޭހޮޅިތައް ހިމަވެގެންދާ ކަމެކެވެ. އެޔަށް ވާސޯ ކޮންސްޓްރިކްޝަންއޭ ކިޔައެވެ. މިގޮތަށް ލޭހޮޅިތައް ހިމަވުމުގެ ނަތީޖާއަކީ ހަށިގަނޑުން ހޫނު ބޭރުވާ މިންވަރު މަދުވުމެވެ. އެހެންކަމުން ތެތްފޮތި ލާއިރު ފިނި ފެނުން ތެތްފޮތިލުމުން އޭގެ މަގުސަދު ހާސިލުވުން ކުޑަވާނެއެވެ. އެހެނީ ތެތްފޮތިލަނީ ހަށިގަނޑުން ހޫނު ބޭރުކޮށް ހަށިގަނޑުގެ ހޫނުމިން ދަށްކުރުމެވެ.
ހޫނު ނުވަތަ ތާފަނާ ކަމަކީ އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ލޭހޮޅިތައް ފަލަވެ ނުވަތަ އޭގެ ޖާގަ ބޮޑުވާ ކަމެކެވެ. އެޔަށް ވާސޯ ޑައިލޭޝަންއޭ ކިޔައެވެ. މިގޮތަށް ލޭހޮޅިތައް ފަލަވެ އެތެރޭގެ ޖާގަ ބޮޑުވުމުން ހަށިގަނޑުން ހޫނު ބޭރުވާލެއް އަވަސްވާނެއެވެ. ކަންމިހެން ހުރުމުން ތެތްފޮތި ލުމުގެ ހަގީގީ ބޭނުން ފަސޭހަކަމާއިއެކު ކުރެވޭނީ ތާފަނާ ފެނުން ތެތްފޮތި ލައިގެންނެވެ.
ކުޑަކުއްޖެއް ނަމަވެސް ނުވަތަ ބޮޑުމީހެއްނަމަވެސް ތެތްފޮތި ލުމުގައި އިސްވެ ދިޔަ ކަންކަމަށް ސަމާލުވާން ވާނެއެވެ. އެއީ ތެތްފޮތި ލާންވީ ތަންތަނާއި ތެތްފޮތި ތެތަމަން ބޭނުން ކުރާ ފެނުގެ ހޫނުމިނެވެ. ތެތްފޮތިލުމަށް އެއްމެކަމުދަނީ ތާފަނާ ފެނެވެ.
