މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުލުހުންނަށް 7،000 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖުލައިގެ ނިޔަލަށް ޖުމްލަ 7،349 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހަޅާފައިވަނީ 6،720 މައްސަލައެވެ.
އެންމެ ގިނައިން ހުށަހެޅި ވައްކަމުގެ މައްސަލަތަކުގެ އަދަދު 2،054 އަށް އަރައެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި މަގުމަތީގެ އެކްސިޑެންޓު މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެއްޗާ ގުޅޭ 1،487 މައްސަލައެއް ހުށަހެޅިއިރު، މަގުމަތީގެ އެކްސިޑެންޓުގެ 1،083 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން ތަކެތި ގެއްލިގެން 605 މައްސަލައަކާއި، މާރާމާރީގެ 395 މައްސަލައިގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ 377 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އަދި ގެވެށި އަނިޔާގެ 197 މައްސަލައަކާއި، ޖިންސީ ކުށުގެ 152 މައްސަލައިގެ އިތުރުން ފޭރުމުގެ 93 މައްސަލައެއްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މަކަރާއި އޮޅުވާލުމުގެ 156 މައްސަލައަކާއި، ފޯޖުކުރުމުގެ 29 މައްސަލައެއްގެ އިތުރުން އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކުރުމުގެ 1 މައްސަލަވެސް މި މުއްދަތުގެ ތެރޭގައި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
